24 Mar 2012, 13:48
ރަޝިޔާގެ ނިއުކްލިއަ ސަބްމެރިންއެއް އިންޑިޔާ އިން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފައިފި އެވެ.
އިންޑިޔާގެ ދަ ޓައިމްސް އޮފް އިންޑިޔާ ނޫހުން މިއަދު ބުނީ ކުއްޔަށް ހިފާފައިވާ ރަޝިޔާ އަކުލާ ދެ ސަބްމެރިން ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިންޑިޔާގެ އައްސޭރިއަށް އަންނާނެ ކަމަށެވެ.
އަދި އެ ސަބްމެރިން އިންޑިޔާގެ ކަނޑުގެ ސިފައިންނާ ރަސްމީކޮށް ހަވާލުކުރާނީ އިންޑިޔާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީގެ ހާޒިރުގައި އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ރަޝިޔާ އިން ކުއްޔަށް ހިފާފައިވާ ސަބްމެރިން އަށް އިންޑިޔާ އިން ދީފައިވާ ނަމަކީ "އައިއެންއެސް ޗަކްރާ" އެވެ. އެ ސަބްމެރިން އިންޑިޔާގެ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށިޔަސް އޭގެ މާނައަކީ ނިއުކްލިއަ ހަތިޔާރު ހުރި ސަބްމެރިންއެއް އިންޑިޔާ އިން ބޭނުންކުރުން ނޫން ކަމަށް އިންޑިޔާ ސަރުކާރާ ހަވާލާދީ ޓީއޯ އައި އިން ބުންޏެވެ. އެއީ ނިއުކްލިއަ ހަތިޔާރު މަނާކުރާ މުއާހަދާގައި އިންޑިޔާ އިން ސޮއިކޮށްފައި ވާތީ، އެ ސަބްމެރިންގައި ނިއުކްލިއަރ ވޯހެޑެއް އެކުލެވޭ މިސައިލެއް ބޭނުން ނުކުރާނެތީ އެވެ.
އަށް ހާސް އެއް ސަތޭކަ ސާޅީސް ޓަނުގެ ބުރަދަން ހުރި އައިއެންއެސް ޗަކްރާ އޮޕަރޭޓް ކުރަން ފެށުމުން އިންޑިއާ ވެގެންދާނީ ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން ބޭނުންކުރާ ދުނިޔޭގެ ހަ ވަނަ ގައުމަށެވެ. އެފަދަ ސަބްމެރިން މިހާރު ބޭނުންކުރާ ގައުމުތަކަކީ އެމެރިކާ އާއި ރަޝިޔާ އާއި ޗައިނާ އާއި ފްރާންސާއި އަދި އިނގިރޭސިވިލާތެވެ.