11 Jun 2022, 17:12
ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަންގެ ގްލޯބަލް ޓޫރިޒަމް ސަމިޓަށް މަޝްހޫރު ޓުއަރިޒަމް އެކްސްޕާޓު، ޕްރޮފެސަރު ޖަފަރު ޖަފާރީ ރާއްޖެ ވަޑައިގެންފިއެވެ.
މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖަފަރަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އަދި މޯލްޑިވްސް އެއާޕޯޓު ކޮންޕެނީ ލިމިޓެޑްގެ ޓީމެކެވެ.
މި ސަމިޓް އިފްތިތާޙް ކުރުމުގެ ޖަލްސާގައި ކީނޯޓް ޚިޠާބު ދެއްވާނީ ޕްރޮފެސަރު ޖަފާރީއެވެ.

ގްލޯބަލް ޓުއަރިޒަމް ސަމިޓަށް ޕްރޮފެސަރު ޖަފަރު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވުމުގެ ތެރެއިން --- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ
ޖަފަރީ އަކީ ޔުނިވާސިޓީ އޮފް ވިސްކޮންސިން ސްޓޯޓް ގެ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ޑިޕާޓްމަންޓްގެ ޕްރޮފެސަރެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި، އިލްމީ ގޮތުން އޭނާ ކޮށްދެއްވި ޚިދުމަތްތަކަކީ، ބައިނަލްއަގުވާމީ މައިދާނުގައި އަގުވަޒަން ކުރެވޭ ޚިދުމަތްތަކެކެވެ. ރިސާޗާއި ކިޔަވައިދިނުމުގެ އިތުރުން ޕްރޮފެސަރު ޖަފާރީ ވަނީ އެކި އެޑިޓޯރިއަލް ބޯޑުތަކުގެ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ.
ފަތުރުވެރިކަމުގެ ދިރާސާތަކުގެ ތެރޭގައި ފައުންޑޭޝަނަލް ޖާނަލްތަކާއި ފޮތްތަކާއި ނެޓްވޯކްތައް ގާއިމްކުރައްވާފައެވެ. އޭނާ އަކީ އެނަލްސް އޮފް ޓޫރިޒަމް ރިސާޗް (އެ ސޯޝަލް ސައިންސަސް ޖާނަލް)ގެ ފައުންޑިން އެޑިޓަރެވެ.