11 Jun 2022, 16:19
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައި ކުރެއްވި މަޝަވަރާތަކުގައި ހާމަކުރެވޭފަދަ މައުލޫމާތެއް އަދި ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހު ވިދާޅުވެއްޖެއެވެ.
''މި މަޝްވަރާ ބައްދަލުވުމާއި ގުޅިގެން އަޅުގަނޑުމެން އަނެއްހެން ހާމަކުރާނެ މައުލޫމާތެއް އަދި ނެތް. ނަމަވެސް ޔަގީންކަމާއެކު ދަންނަވަން އެނގެނީ ރިޔާސީ އިންތިޚާބާއި ގުޅޭ ކަމެއް ނިންމަވާނަމަ ނިންމަވާނި މި ޕާޓީގެ ޤައުމީ ޖަލްސާއަކުން،'' ޞާލިހު ވިދާޅުވިއެވެ.
އަލީ ޞާލިހު ވިދާޅުވީ ޤާސިމަކީ ވަރަށް ޑިމޮކްރެޓިކް ބޭފުޅެއް ކަމަށާއި ގިނިކަންޏާ އަމިއްލައަށް ފެނިވަޑައިގަންނަވާ ގޮތަށް މަޝްވަރާނުކޮށް އެއްވެސް ކަމެއް އެމަނިކުފާނު ނުނިންމާވާނެކަމަށެވެ.
އޭނާ ވިދާޅުވީ އެބޭފުޅުންގެ އަމިއްލަ ބައްދަލުވުންތަކުގައި ދައްކަވާ ވާހަކަތަކަކީ އެހެން މީހުންނަށް ތިލަކޮށްދޭންޖެހޭ މައުލޫމާތެއްގެ ގޮތުގައި ކަމަށެވެ.

ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު ޤާސިމް އިބްރާހީމާ ބައްދަލުކުރައްވަނީ ---- ފޮޓޯ/ ސޯޝަލް މީޑިއާ
ރައީސް މާމިގިއްޔަށް ވަޑައިގަތީ އިއްޔެއެވެ. ރައީސް މާމިގިއްޔަށް ވަޑައިގަތުމުން ޤާސިމް ވަނީ ރަތްދޫލައިން އެމަނިކުފާނަށް މަރުޙަބާވެސް ދަންނަވާފައެވެ. އަދި ސަން އައިލެންޑްގައި ދެ ބޭފުޅުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންގެ ވަފުދެއްވެސް އެ ދަތުރުފުޅުގައި ވަޑައިގަތެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް އާއި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިންވެސް ހިމެނިވަޑައިގަންނަވައެވެ.
މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް އެކަނި ނުކުމެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނު އިންތިޚާބުގައި ވާދަކުރައްވާނީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.