24 Mar 2012, 13:32
މިދިޔަ އަހަރު އޮގަސްޓް މަހު ޅ. ކުރެއްދޫ ރިޒޯޓްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ޓޫރިސްޓަކު މަރުވި ހާދިސާ އާއި އުފެދިފައިވާ ގިނަ ސުވާލުތަކަކަށް އަދިވެސް ވަނީ ޖަވާބު ނުލިބި އެވެ.
އެ ހާދިސާ ހިނގި އިރު ކްއޯޑް ބައިކް ދުއްވަން އިން އުމުރުން 23 އަހަރުގެ ފިލިޕް އިއުގަން ޕީޓާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ މިދިޔަ ހަފުތާގައި ވަނީ އުފުލައިފަ އެވެ.
ފިލިޕްގެ މައްޗަށް ދައުވާ އުފުލި ހަބަރު ޖޮނަތަންއާއި އެމާ ގްރޭގެ އާއިލާ އިން އަހާނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކާ އެކުގައި ކަމަށް ބެލެވުނަސް އެކަންވީ ހީކުރިގޮތާ މުޅިން ހިލާފަށެވެ.
އެކްސިޑެންޓްގައި މަރުވި ޖޮނަތަންގެ މަންމަ އަށް އެ ހަބަރު ލިބުމުން ޝޮކެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.
"އަހަރެން އަދިވެސް ގަބޫލުކުރަނީ އެއީ ނުރައްކާތެރި އެކްސިޑެންޓެއް ކަމަށް، އެއީ ގަސްދުގައި ނުވަތަ މަކަރުވެރި ރޭވުމެއްގެ ނަތީޖާއެއް ކަމަކަށް ގަބޫލެއް ނުކުރަން،" ޖޮނަތަންގެ މަންމަ ކެތު ޑެވިއަސް ބުނިކަމަށް އިނިރޭސި ނޫހެއް ކަމަށްވާ ހަލިފާޒް ކަރިއާ ގައިވެ އެވެ.
ކެތު އަދި ބުނެފައި ވަނީ އެ ހާދިސާއާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ އުފުލި ވާހަކަ އޭނާއާއި އާއިލާގެ އެހެން މީހުންނަށް ވެސް އިވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެމީހުންގެ ހިތާމަތައް އެނބުރިއައިސްފައިވާ ކަމަށެވެ. އަދި އެކަންތައްތައް އަލުން އާވާކަށް އެމީހުން ބޭނުން ނުވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އެ ދައުވާ ފިލިޕްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް ނުވަތަ 25 އަހަރަށް ޖަލަށް ލުމުގެ ހުކުމެއް އަންނާނެ ކަން އެނގިފައިވާ ކަމަށް ކެތު ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އެ ހާދިސާ ރަނގަޅަށް ތަހުގީގު ކުރުމަކީ އެމީހުން ]ދިވެހި ފުލުހުން[ ރަނގަޅަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް އެކަމުން އެފަދަ ނަތީޖާއެއް ނުކުތުމަކީ އެދޭ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ޖޭއާއި އެމާ އެނބުރި ނާންނާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"އަހަރެން އެކަން ހިނގާކަށް ]ޕީޓާ އަށް އަދަބު ލިބޭކަށް[ ބޭނުނެމެއް ނޫން. އެކަމުގެ ސަބަބުން ޖޭއާއި އެމާ އެނބުރިއެއް ނާންނާނެ. އެކަމުގެ ސަބަބުން އަހަރެމެންނަށް އެއްވެސް ރަނގަޅު އިހުސާސެއް ނުކުރެވޭނެ. އެއީ ރަނގަޅު ކަމެއް ކަމަކަށް ނުފެނޭ،" ޖޮނަތަންގެ މަންމަ ބުނި ކަމަށް ނޫހުގައިވެ އެވެ.
ކުރެއްދޫގައި ހިނގި އެކްސިޑެންޓްގައި ޖޮނަތަން ގްރޭއާއި އެމާ ގްރޭ މަރުވި މައްސަލައިގާ ޕީޖީ އޮފީހުން ދައުވާ އުފުލާފައި ވަނީ ރިސޯޓުގެ މުވައްޒަފެއް ކަމަށްވާ ސްވިޑްންގެ ފިލިޕް އިއުގަން ޕީޓާގެ މައްޗަށް ކަމަށެވެ.
އެކްސިޑެންޓުވި ހަތަރުފުރޮޅުލީ އުޅަނދު ދުއްވި ޕީޓާގެ މައްޗަށް އުފުލާފައި ވަނީ، ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ރ. ގެދަށުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.
ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ.ގައި ބުނެފައި ވަނީ ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށެވެ. އަދިއެ މާއްދާގެ ރ.ގައި ބުނެފައި ވަނީ އެފަދަ ކުށެއްގެ އަމަލު ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށެއް ކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ.
މިދިޔަ އަހަރު އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު އެ ހާދިސާ ހިނގީ މަރުވި ދެމަފިރިންނާ އެކު، ކިންގް ކުއަޑް 700 ނަމަކަށް ކިޔާ ހަތަރުފުރޮޅުލީ އުޅަނދެއް ޕީޓާ ދުއްވަނިކޮށް، ގަހެއްގައި ޖެހިގެންނެވެ.