ސިންގަޕޫރު (11 ޖޫން 2022): ޗައިނާގެ ބާރުގެ ދަށަށް ޓައިވާން ގެނައުމަށް ޗައިނާ ހިންގާ އަސްކަރީ އެއްވެސް ހަރަކާތެއްގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ ސީދާ އެމެރިކާއަށް އަސްކަރީ ގޮތުން ރައްދުދޭން ޗައިނާ ފަސްނުޖެހޭނެ ކަމުގެ އިންޒާރު ޗައިނާ, އެމެރިކާއަށް ދީފިއެވެ.

މި އިންޒާރު ދީފައިވަނީ ސިންގަޕޫރުގައި ކުރިޔަށްދާ ޝަންގްރި-ލާ ޑައިލޮގްގެ އަރިމަތީގައި ޗައިނާގެ ދިފާއީ ވަޒީރު ޖެނެރަލް ވީ ފެންގީ އާއި އެމެރިކާގެ ދިފާއީ ވަޒީރު ރިޓަޔަޑް ޖެނެރަލް ލޮއިޑް އޮސްޓިން އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގައެވެ.

މިބައްދަލުކުރެއްވުމުގައި އެމެރިކާއަށް އިންޒާރު ދެއްވަމުން ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވީ ތައިވާންގެ މައްސަލައަކީ ޗައިނާގެ ދާޚިލީ ކަމެއްކަމަށާއި އެކަމުގެ ތެރެއަށް އެމެރިކާ ވަދެގެން ނުވާނެކަމުގައެވެ. އެކަމުގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ އެމެރިކާއާ ދެކޮޅަށް އަސްކަރީ ރައްދުދީ ހަނގުރާމަފަށަން ޗައިނާ އޮތީތައްޔާރަށް ކަމަށާ ކިތަންމެ ބޮޑު އަގެއް ދައްކަން ޖެހުނުނަމަވެސް އެކަން ޗައިނާ ކުރާނެކަމަށް ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވިއެވެ.

އެމެރިކާ އަކީ އެއްޗައިނާގެ ސިޔާސަތަށް (ތައިވާން އަކީ ޗައިނާގެ ބައެއްކަމަށް ގަބޫލުކުރާ ސިޔާސަތު) އިއުތިރާފުވާ ގައުމެކެވެ. އަދި އެމެރިކާއަކީ ރަސްމީ ސިފައެއްގައި ތައިވާނަށް އިއުތިރާފުވާ ގައުމެއްވެސް ނޫނެވެ. އެމެރިކާ އިއުތިރާފުވަނީ ޗައިނާއަށެވެ. ނަމަވެސް އެމެރިކާ ތައިވާނަށް ހަތިޔާރު ވިއްކައެވެ. އަދި ދައުލަތަކާ ބާއްވާވަރަށްވުރެ ދަށުދަރަޖައިގެ ގުޅުންތަކެއް ތައިވާން އާއެކު އެމެރިކާ ބާއްވައެވެ.

ސިންގަޕޫރުގައި ކުރިޔަށްދާ ޝަންގްރިއްލާ ޑައިލޮގް

އެމެރިކާގެ ރައީސް ޖޯ ބައިޑެން ދާދިފަހުންވަނީ ޗައިނާ ބާރުގެ ބޭނުންކޮށްގެން އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ތައިވާން ގެންދަން މަސައްކަތްކޮށްފިނަމަ ތައިވާންގެ ދިފާއުގައި އެމެރިކާ އަސްކަރީ ގޮތުން ޗައިނާއާ ދެކޮޅަށް ތެދުވާނެކަމަށް ވިދާޅުވެ ޗައިނާއަށް ހަރުކަށި އިންޒާރެއް ދެއްވާފައެވެ.

ބައިޑެންގެ މި އިންޒާރުގެ ސަބަބުން އެމެރިކާ ގެންގުޅޭ އެއްޗައިނާ ސިޔާސަތު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. މިއާއެކު ޗައިނާ އެމެރިކާއަށް ހަރުކަށި އިންޒާރެއް ދިނުމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިކެން ވަނީ ޗައިނާއާއެކު އަސްކަރީ ކުރިމަތިލުމަކަށް ދާން އެމެރިކާ ބޭނުންނުވާކަމަށް ވިދާޅުވެ މަސްރަހު ފިނިކުރައްވާފައެވެ.

އަދި ފަހުން ޚުދު އެމެރިކާގެ ރައީސްވެސްވަނީ ޗައިނާއާ އަސްކަރީގޮތުން ކުރިމަތިލާން އެމެރިކާ ބޭނުންނުވާކަމަށާ އަދި ތައިވާންގެ މައްސަލާގައި އެމެރިކާ ގަބޫލުކުރާ އެއްޗައިނާގެ ސިޔާސަތު (ތައިވާން އަކީ ޗައިނާގެ ބައެއްކަމަށް ގަބޫލުކުރާ ސިޔާސަތު) އަދިވެސް ބަދަލުނުވާ ކަމަށް ވިދާޅުވެ މަސްރަހު ފިނިކުރަން މަސައްކަތް ކުރައްވާފައެވެ.

މުހައްލިލުން ދެކޭގޮތުގައި ޗައިނާވަނީ އެގައުމުގެ ބާރުގެ ދަށަށް ތައިވާން ގެނައުމަށް ނިންމަންޖެހޭ ސިޔާސީ ހުރިހާ ނިންމުމެއް މިހާރު ނިންމާފައެވެ. މިހާރު ޗައިނާ ކުރިޔަށް ގެންދަނީ އެކަމަށް ތައްޔާރުވުމުގެ މަސައްކަތެވެ. އަދި ދުނިޔެއަށް ޗައިނާ ހާމަނުކުރަނީ ޗައިނާގެ ބާރުގެ ދަށަށް ތައިވާން ގެންދިޔުމުގެ އޮޕަރޭޝަން ފަށާނެ ތާރީޚެކެވެ.

ސްޓްރެޓީޖިކް ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ތައިވާންގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް އެމެރިކާ ތެދުވުމަކީ މުސްތަހީލު ކަމެކެވެ. އެއީ އެކަންކޮށްގެން އެމެރިކާއަށް ލިބޭނެ ކާމިޔާބެއް ނޯވެފައި އެއީ އެމެރިކާ ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަކަށް ވާތީއެވެ.

ޗައިނާގެ ބާރުގެ ދަށަށް ތައިވާން ގެނައުމަށް ޗައިނާ ހިންގާ އެއްވެސް ހަރަކާތެއްގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ ސީދާ އެމެރިކާއަށް އަސްކަރީ ގޮތުން ރައްދުދޭނެކަމުގެ އިންޒާރު ޗައިނާ ދިން ޝަންގްރި-ލާ ޑައިލޮގް އަކީ ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ބައިނަލްއަގްވާމީ އިސްޓިޓިއުޓް އިން ކޮންމެއަހަރަކު އެއްފަހަރު ސިންގަޕޫރުގައި ބައްވާ ދިފާޢީ ޑައިލޮގެކެވެ. ނުވަތަ ވާހަކަތަކެކެވެ.

ފަސްވަރަކަށް ދުވަހަށް ދިގުދެމިގެންދާ މިވާހަކަތަކުގައި އެކިގައުމު ތަކުގެ ދިފާއީ ވަޒީރުންނާއި ސްޓްރެޓީޖިކް ދިރާސާތައް ކުރާ ފަރާތްތައް ބައިވެރިވެއެވެ.

ޓައިވާން (ޗައިނާބަހުންނަމަ ފޮމޯޒާ) އަކީ 1959 ވަނަ އަހަރު ޗައިނާގައި އޮތް އެމެރިކާއަށް ތާއީދުކުރާ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ޗައިނާގެ ކޮމިއުނިސްޓުން ގެނައި އިންގިލާބާ ގުޅިގެން އޭރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން (އޭެރުގެ ޗައިނާގެ ރައީސް ޗަންކައިޗަކް އާއި އޭނާގެ ކެބިނެޓްގެ ބޭފުޅުން) ފިއްލަވަން ވަޑައިގެންނެވި ޗައިނާގެ ކުޑަ ޖަޒީރާއެކެވެ.

އޭރުއްސުރެ ޓައިވާނުގައި ވެރިކަން ކުރަމުންސާ ފަރާތްތަކުން ގެންދަނީ ތައިވާން ތަމްސީލުކުރަނީ މުޅި ޗައިނާ ކަމަށް ބުނެ ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި ތައިވާންގައި ވަކި ވެރިކަމެއް ކުރައްވަމުންނެވެ. ނަމަވެސް ވަކި ދައުލަތެއްގެ ގޮތުގައި ޓައިވާނުން މިނިވަންކަން އިއުލާނުކޮށްފައެއް ނުވެއެވެ. ޓައިވާން ގެ ނަމަކީ ރިޕަބްލިކް އޮފް ޗައިނާއެވެ. ޗައިނާގެ ނަމަމީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ.

ޗައިނާ ބުނާގޮތުގައި ދެ ޗައިނާއެއް ނޯންނާނެއެވެ. އޮންނަންޖެހޭނީ އެއްޗައިނާއެވެ. ތައިވާންގައި އޮންނަ ކޮމިއުނިސްޓް ނޫން ނިޒާމު ކޮންމެވެސް ދުވަހަކުން ޗައިނާގައި އޮންނަ ކޮމިއުނިސްޓް ނިޒާމުގެ ދަށަށް ގެންދާނެއެވެ. ޝަންގްރި-ލާ ޑައިލޮގްގައި ޗައިނާގެ ދިން މި އިންޒާރަށް އެމެރިކާ އަދި ރައްދު ދީފައެއް ނުވެއެވެ.

އެމެރިކާއަކީ މިހާތަނަށް ބަރުގަދަ އެއްވެސް ގައުމަކާ ދެކޮޅަށް ހަމާލާދޭން ކެރިފައިވާ ގައުމެއް ނޫނެވެ. އެމެރިކާ އަށް އިސްވެ ހަމަލާދޭން ކެރިފައިވަނީ އަފްޣާނިސްތާން ފަދަ ބަލިކަށި ގައުމުތަކަށެވެ.