ރައީސް މައުމޫނުގެ ސަރުކާރުގެ ދުވަސްވަރު އެމްޑީޕީ އިން ނެރުނު ދުވަހު ނޫސް، މިނިވަން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ނެރެން ފަށައިފި އެވެ.

ތިން އަހަރަށް ފަހު މިނިވަން ނެރެންފެށީ މި މަހުގެ 17 އިން ފެށިގެންނެވެ. އަލު މިނިވަން ނެރެން ފެށި އިރު ވެސް ނޫހުގެ އެޑިޓަރަކީ ކުރިން ވެސް ނޫހުގެ އެޑިޓަރު ކަމުގައި ހުންނެވި ނެދުންގޭ އާމިނަތު ނަޖީބެވެ.

މިނިވަން ނޫހުގެ މެނޭޖްމަންޓްގެ ފަރާތުން މައުލޫމާތު ދެއްވި ހުޝާމް މުހައްމަދު ވިދާޅުވީ މިނިވަން އަލުން ނެރެން ފެށީ އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު އެ ނޫސް ނެރެން އެދެން ފެނުމުން ކަމަށެވެ.

"މިނިވަން ނޫސް އަލުން ނެރެންފެށީ މިހާރުގެ [ރައީސް] ވަހީދުގެ ސަރުކާރުގެ ކަންކަން ހާމަކޮށްދީ ހަގީގަތް އޮޅުން ފިލުވައި ދިނުމަށް. އަޅުގަނޑުމެން ޔަގީންކަން ދެން މި ނޫހުން ނުނެރޭނެ ހަގީތާއި ހިލާފު ހަބަރެއް،" ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޕްރެސް އޮފީހުގައި މަސައްކަތް ކުރެއްވި ހުޝާމް ވިދާޅުވި އެވެ. ހުޝާމް އެހެން ވިދާޅުވި ނަމަވެސް ދެން ވިދާޅުވީ އަލުން މިނިވަން ނެރުނަސް ކުރިޔާ މާބޮޑު ތަފާތެއް ނުހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރިޔަށް ވުރެ ރަނގަޅު ފެންވަރެއްގައި ނޫސް ނެރެން މަސައްކަތް ކުރަމުން ދާނަން. އަދި ނޫހުގެ ސައިޒު ވެސް ވަރަށް އަވަހަށް ބޮޑުކުރާނެ،" އޭނާ ވިދާޅުވި އެވެ.

މިނިވަން ނޫސް އެންމެ ފުރަތަމަ ނެރުނީ ޖުލައި 26، 2005 ގަ އެވެ. ނޫސް ހުއްޓާލީ ނޫސް ފެށި އިރު އެ ނޫސް ނެރުނު ކުންފުނީގެ ހިއްސާއެއް އޭރު އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ލިބިވަޑައިގެންނެވި ހިސާބުންނެވެ.

ނޫސް ހުއްޓާލުމަށް ފަހު ނޫހަށް ހަރައްދު ކުރެއްވެވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އޭރު ވިދާޅުވެފައި ވަނީ "މިވަގުތަށް މިނިވަން ހުއްޓާލީ" ކަމަށެވެ.