10 Jun 2022, 17:49
ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި މިދިޔަ ޢީދު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ހޯދަމުން ދާ މީހުންގެ ތެރެއިން އެކަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފިއެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުން ރޭގެ ވަގުތެއްގައި ހައްޔަރުކުރީ ސ. މަރަދޫ ކޮރަލް، 21 އަހަރުގެ އަޙުމަދު ސާތިއުއެވެ.
އެ މާރާމާރީއާ ގުޅިގެން ހަތް މީހަކު ހޯދުމަށް މީގެ ކުރިން ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. އަދި މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ:
ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ)
- ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)
- ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ)
- ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)
- 15 އަހަރުގެ ކުޑަ ކުއްޖެއް
ހައްޔަރުކުރި މީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުންވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތަރު ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.
އެ މައްސަލައާ ގުޅިގެން މިހާރު ހޯދަމުންދަނީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، 27 އަހަރުގެ މަޢުޞޫމް މުޙައްމަދުދީދީ އާއި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، 24 އަހަރުގެ އަޙްމަދު ރަބީޢު އަދި ސ. ހުޅުދޫ/ ނާދީ، 20 އަހަރުގެ މުނާދު ޖަޢުފަރެވެ.