ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلمއާ ބެހޭގޮތުން ދޮގު ވާހަކަ އުފައްދާ، އާންމު ކުރަނީ އަޤީދާ ފާސިދުވެފައިވާ މީހުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ ކީރިތި ރަސޫލާގެ އިއްޒަތާއި ކަރާމާތަށް އުނިކަން ގެނައުމަށްޓަކާ އަދާވާތްތެރި ބާރުތަކުން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން މިއީ މިޒަމާނުގައި ދޭދޭ ގައުމުތަކުގެ ދެމެދު އެއްބަސްވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާ ޚިލާފު ދަށު ދަރައިޖައިގެ ޢަމަލެއް ކަމަށް ޚުތުބާގައި ބުންޏެވެ.

"ބައެއް ފަހަރު މުޙައްމަދު صلى الله عليه وسلمގެ މަތިވެރި ޝަޚުސިއްޔަތަށް ނިސްބަތްކޮށް މި ދިވެހި ފަސްގަނޑުގައި ވެސް އެކި ފާޑުގެ ވާހަކަތައް ޝާއިއުކުރާތީ ފެނޭ." ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ އެފަދަ މީހުންގެ ބޭނުމަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ އިސްލާމް ދީނުގެ ހަގީގަތް އޮޅުވާލުންކަަމަށެވެ. އަދި މީސްތަކުން އިސްލާމްދީނާ މެދު ނަފުރަތު ކުރުވާ ދީނާ ދުރުކުރުވުމެވެ.

"އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީން ނުހަނު ބާރަށް ފެތުރެމުން އަންނާތީ ގަންނަ ބިރެއްގެ ސަބަބުން ހިންގާ ފިނޑި ޢަމަލުތަކެކެވެ." ޚުތުބާގައި ބުންޏެވެ.

މީގެއިތުރުން ޚުތުބާގައި ބުނީ އެކަލޭގެފާނު ކުރައްވާ ކަންކަމާމެދު މަލާމަތްކޮށް ފުރައްސާރަ ކުރުމުގެ މޭރުމުން ބަސްބުނުމަކީ އެއްވެސް އިންސާނަކަށް ލިބިގެންވާ ހައްގެއް ނޫންކަމަށެވެ.

އެކަލޭގެފާނުގެ އެންމެހާ ޢަމަލުފުޅުތަކަކީ އިލާހީ އަމުރުފުޅުތަކަށް ތަބާވެ ވަޑައިގެންނެވުމުގެ ގޮތުން ކުރަށްވާފައިވާ ކަންތައްތައް ކަމަށް ޙުތުބާގައި ބުންޏެވެ. އެގޮތުން އެކަލޭގެފާނުގެ ޒަވާޖީ ހަޔާތްޕުޅަކީ ހެޔޮލަފާ ޖީލެއް ބިނާކޮށް ރަނގަޅު މުޖުތަމައުއެއްގެ ބިންގާ އެޅުމަށް ހުރިހާ ފިލާވަޅުތަކެއް އެ ދުރުއުޅުމަކުން ފެންނަން އޮތް ރީތި ނަމޫނާ ދިރިއުޅުމެކެވެ.