ސަރުކާރުގެ އިދާރާތަކަށް އައްޔަނު ކުރެއްވި ސިޔާސީ ބޭފުޅުން، މަގާމުގެ މަސައްކަތަށް އަހުލުވެރިކުރެއްވުމަށް ޓަކައި ބޭނުންވާ މައުލޫމާތާއި މަސައްކަތުގެ ދާއިރާ އިން ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ފޯރުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ސެމިނާރެއް ބާއްވަވައިފި އެވެ.

އެ އޮފީހުގައި މިއަދު ބޭއްވެވި ސެމިނާރުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ސަރުކާރުގެ ހިންގުމުގެ އޮނިގަނޑު ރޭވިފައިވާ ގޮތާއި، ސަރުކާރު ހިންގުމުގެ މައިގަނޑު އުސޫލުތަކާއި، ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑު އޮޅުންފިލުއްވައިދިނުމާއި، ކޮރަޕްޝަން ހުއްޓުވުމާ ބެހޭ މުހިންމު މައުލޫމާތު ދިނުން ހިމެނެ އެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނާ ދޭތެރޭ އަމަލުކުރުމުގައި ސިޔާސީ މުވައްޒަފުން ވިސްނަން ޖެހޭ މުހިންމު ކަންކަމާ ބެހޭ ގޮތުންނާއި، ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ ކަންތައްތަކުގައި ސިޔާސީ އިސްމުވައްޒަފުން ސަމާލުކަންދޭން ޖެހޭ ބައެއް މުހިންމު ކަންތައްތައް އޮޅުންފިލުވައިދިނުން ހިމެނެ އެވެ.

މި ސެމިނާރުގައި ސިޔާސީ ބޭފުޅުންނަށް މައުލޫމާތު ދެއްވައި ކަންކަން އޮޅުންފިލުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލް ސާވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަންނީ ބޭފުޅުންނެވެ.

މިއަދު ބޭއްވެވި ސެމިނާރު ހާއްސަކޮށްފައި ވަނީ، ސަރުކާރުގެ މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންނަށާއި ރައީސް އޮފީހުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އިސްބޭފުޅުންނަށެވެ. ޑެޕިޔުޓީ މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް ބާއްވާ ސެމިނާރު އޮންނާނީ އަންނަ ހަފްތާގަ އެވެ.