24 Mar 2012, 12:40
އެއްވުންތަކުގައި ވަކި ބަޔަކަށް އަމާޒުކޮށްގެން ބިރުވެރިކަމަށް ގޮވާލަމުންދާ ކަން ފާހަގަ ކުރެވޭތީ އެފަދަ ކަންތައްތައް ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.
އެޗްއާރްސީއެމުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މުޖްތަމުއުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުމަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރުމަށާއި ވަކި ބަޔަކަށް އަމާޒުކޮށްގެން، ހަމަނުޖެހުން ހިންގައި އަނިޔާވެރިވުމަށް ގޮވާލައިގެން ނުވާނެ ކަމަށެވެ.
މާލެ ތެރެ ޕެޓްރޯލް ކުރުމަށް ނުކުންނަ ފުލުހުންނަށް ފަހަކަށް އައިސް ހަމަލަދީ، އަނިޔާވެރި އަމަލުތަކެއް ހިންގަމުންދާތީ އެޗްއާރްސީއެމުން ބުނެފައި ވަނީ ފުލުހުންނަށް ހަމަލާދީ އެފަރާތްތަކުގެ ޤާނޫނީ ވާޖިބަށް ހުރަސް އެޅޭ ފަދަ އަމަލުތައް ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފައިވެ އެވެ.
ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ގިނަ ރައްޔިތުންތަކެއް ދިވެހިރާއްޖޭގައި ދިރިއުޅެމުން ދާތީ ސިޔާސީ ހަރަކާތްތައް ހިންގާ ފަރާތްތަކުން އެހެން މީހުންގެ ހައްގުތަކަށް އިހްތިރާމްކޮށް އުނދަގޫނުވާނޭ ގޮތަށް މުޒާހަރާކުރުމަށް ނޫސްބަޔާނުގައި ގޮވާލައިފައިވެ އެވެ. އަދި ވަކި ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް މީހަކަށް ތަފާތުކުރެވިގެން ނުވާނެ ކަމަށާއި އެއްވެސް ފަރާތަކަށް ފުރައްސާރަކޮށް ބިރުދައްކާ އަނިޔާވެރި އަމަލުތައް ހިންގުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
"ގޯތިގެދޮރަކީ ހުރުމަތްތެރިވެގެންވާ ތަންތަން ކަމާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކަކަށް ވެފައި، އެއްވެސް ފަރާތަކުން އަނެކުންނަށް ބިރުދެއްކުމުގެ އަމަލުތައް ހިންގުމަކީ އިންސާނީ ޙައްޤުތަކާއި ޤާނޫނު އަސާސީއާ ޚިލާފު ކަންކަމަށްވާ އިރު، ޒާތީ ގޮތުން ވިޔަސް ސިޔާސީ ގޮތުން ވިޔަސް، މިފަދަ ބިރުދެއްކުމާއި އަނިޔާވެރިވުމާއި ތަކެއްޗަށް ގެއްލުންދިނުން ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސް ކުރަމެވެ،" އެޗްއާރްސީއެމްގެ ނޫސްބަޔާނުގައިވެ އެވެ.