10 Jun 2022, 13:34
އާސެނަލް ދޫކޮށްލުމަށް ފަހު އެލެކްސެންޑާ ލަކަޒެޓް އެނެއްކާވެސް އެނބުރި ލިޔޯންއަށް ބަދަލުވެއްޖެއެވެ.
ލިޔޯން ދޫކޮށްލުމަށް ފަހު އާސެނަލަށް ލަކަޒެޓް ބަދަލުވީ 2017 ވަނަ އަަހަރު އޭރު އާސެނަލްގެ އެންމެ އަގު ބޮޑު ކުޅުނެތެރިއެއްގެ ގޮތުގައެވެ.
ލިޔޯއިން އޭނާ އެ ޓީމާ ގުޅުނުކަން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ އެ ޓީމާއެކު ހަދައިފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ލިޔޯންގެ ޔޫތު އެކެޑެމީން ކުޅެންފެށި ލެކެޒެޓް އާސެނަލްއަށް ބަދަލުވުމުގެ ކުރިން 129 ގޯލު ވަނީ އެ ޓީމަށް ޖަހައިދީފައެވެ. އަދި އާސެނަލުގައި ހޭދަކުރި ފަސް އަހަރުގައި އެޓީމަށް 158 މެޗު ކުޅެދީ 54 ގޯލު ޖަހައިފައިވެއެވެ.
އުމުރުން 31 އަހަރުގެ ލެކަޒެޓް އާސެނަލް ދޫކޮށްލުމުގެ ކުރިން ބުނެފައިވަނީ އޭނާ ބޭނުންވަނީ ޓީމާއެކު ހޭދަކުރެވެނު އުފާވެރި ވަގުތުތައް ހަނދާން ބަހައްޓަން ކަމަށެވެ. ސަބަބަކީ އެ ކުލަބަށް ކުޅެން ލިބުމަކީ އޭނާއަށް ލިބުނު ޝަރަފެއްގެ ގޮތުގައި ދެކޭކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން ކުޑައިރުންސުރެ ދެކެމުންއައި ހުވަފެނެއް އެއީ އާސެނަލްއަށް ކުޅުމަކީ. އަހަރެން ޓީމުގައި ހޭދަކުރެވުނު ފަސް އަހަރަކީ ވަރަށް އުފާވެރި ފަސް އަހަރު،" ލަކަޒެޓް ބުންޏެވެ.
މީގެ އިތުރުން އާސެނަލްގެ ކޯޗު މައިކެލް އާޓެޓާ ބުނީ ލެކެޒެޓްއަކީ ތަފާތު މޮޅު ކުޅުންތެރިއެއްކަމަށާއި ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައި ވެސް އޭނާ އަކީ ލީޑަރެއް ކަމަށެވެ.