09 Jun 2022, 20:11
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
މިއަދު އެމްޕީއެލް އިން ހާމަކުރި މައުލޫމާތުގައި ޖުމްލަ 13 ވަޒީފާއެއްގެ ފުރުސަތު ވަނީ ހުޅުވާލައިފައެެވެ. އެގޮތުން ވަޔަ ހައުސް އެސޯސީއޭޓުގެ ނުވަ މަގާމަކާއި އެސިސްޓެންޓް އެކައުންޓެންޓުގެ ދެ މަގާމަކާއި މޭސަންގެ ހަތަރު މަގާމަކާއި ލޭބަރާގެ 12 މަގާމަކާއި ސެކިއުރިޓީ އެސިސްޓެންޓުގެ މަގާމަށް ވަނީ ހުޅުވާލައިފައެވެ.
މީގެ އިތުރުން ދޯނި ކްރޫގެ މަގާމަކާއި ދޯނި ދުއްވާ ޑްރައިވަރެއްގެ މަގާމަކާއި އެސިސްޓެންޓު އެލެކްޓްރީޝިއަންގެ ދެ މަގާމަކާއި މެކޭނިކްގެ ދެ މަގާމަކާއި އެސިސްޓެންސް ސާވިސް އިންޖީނިއަރެއްގެ މަގާމަކާއި ސެކިއުރިޓީ އެސިސްޓެންޓުގެ 15 މަގާމަކާއި އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރުންގެ 10 މަގާމެއް އަދި އެސިސްޓެންޓު އޮޕަރޭޓަރުންގެ 10 މަގާމަކަށް މިއަދު ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ފުރުސަތު ހުޅުވޭލެވުނު ވަޒީފާތަކާ ބެހޭ ގޮތުން އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް ވިދާޅުވީ އެމްޕީއެލްގެ އުއްމީދަކީ ވީހާވެސް ގިނަ ފަރާތްތަކުން ވަޒީފާތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފައި އެ ކުންފުންޏާ ގުޅުމެވެ.
"މުއައްޒިފުންނަށް ތަމްރީނުގެ އެކި ފުރުސަތުތައް މި ކުންފުނިން ފަހިކޮށްދޭނެ. އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް އެއީ ހުރިހާ ބޭފުޅުންވެސް މި ފުރުސަތުގެ ބޭނުން ހިފުން," ދާނިޝް ވިދާޅުވިއެވެ.
އެކަށޭނެ ރަނގަޅު މުސާރައަކާއެކު މި ހުރިހާ މަގާމުތަކަށް ކުރިމަތިލުމަށް ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމާ އެކު ތައުލީމީ ސެޓިފިކެޓުތަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ސީވީ އާއި ރިފަރެންސް ލެޓާ ހުށައަޅަން ޖެހޭނެއެވެ.
ވަޒީފާއަށް ކުރިމަތިލުމަށް އެދޭ އެޕްލިކޭޝަން ފޯމާއި ވަޒީފާތަކާ ބެހޭ އިތުރު މައުލޫމާތު މިހާރު އެމްޕީއެލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.