09 Jun 2022, 19:49
ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން އދ ގެ ފަތުުރުވެރިކަމާ ބެހޭ އިދާރާ (ޔޫއެންޑަބްލިއުޓީއޯ)އާ ގުޅިގެން ޚާއްސަ ސަމިޓެއް ކުރިއަށް ގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
މި މަހުގެ 14އިން 16އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ސަމިޓުގެ ތެރެއިން ތިން ތީމެޓިކް ސެޝަން އެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތީމް ތަކަކީ:
ކާބޯތަކެއްޗާ ގުޅޭ ފަތުރުވެރިކަން
- ދަނޑުވެރިކަމާ ގުޅޭ ފަތުރުވެރިކަން
- މުޖުތަމައުގެ ބައިވެރިވުން އޮންނަ ފަތުރުވެރިކަން
މި ސެޝަންތަކުގައި ދުނިޔޭގެ މަޝްހޫރު ތަޖުރިބާކާރުންގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސް ވެރީންނާއި، ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް މިއަދު ވިދާޅުވީ ތީމެޓިކް ސެޝަންތަކުގެ ކުރިން މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަނެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި އިވެންޓުތަކުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުމަށް އިތުރު ހިތްވަރެއް ލިބޭ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވިއެވެ.
"އިންޓަނޭޝަނަލް ޖަމިއްޔާ ޖަމާއަތްތަކުން ވެސް އެބައޮތް މިހާރު ބުނެފަ މި އިވެންޓުތަކުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުމަށް އިތުރު ހިތްވަރެއް ލިބޭ ކަމަށް،" އޭނާ ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ސަމިޓް ފެށުމުގެ ކުރިން ޑަބްލިއުޓީއޯގެ ބައެއް އިދާރީ ބައްދަލުވުންތައް ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެ ތެރެއިން، އީސްޓް އޭޝިއާ، ސައުތު އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ މިނިސްޓަރުންގެ ފެންވަރުގެ ބައްދަލުވުމަކާއި، ރައުންޑް ޓޭބަލް މީޓިން އެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.