24 Mar 2012, 12:21
ދުނިޔޭގެ އެންމެ މުއްސަދި ކުލަބު ރެއާލް މެޑްރިޑުން ޑުބާއީގައި އެއްބިލިއަން ޑޮލަރުގެ ރިޒޯޓެއް ތަރައްގީ ކުރަން ނިންމައިފި އެވެ.
ރެއާލް މެޑްރިޑް ރިޒޯޓް އައިލެންޑްގެ ނަމުގައި ހަދާ މިތަނުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކްތަކާއި މެރީނާއެެއްގެ އިތުރުން ލަގްޒަރީ ހޮޓަލްތަކާއި ކުލަބުގެ މިއުޒިއަމްއަކާއި 10000 މީހުންގެ ސްޓޭޑިއަމެއް ވެސް ހިމެނެ އެވެ. މި ސްޓޭޑިއަމުގެ އެއްފަޅި އޮންނާނީ ކަނޑުން އަރައިގެންއަންނަ ސާފުވައި ލިބޭގޮތަށް ހުސްކޮށެވެ.
ދެހާސް ފަނަރަވަނަ އަހަރު ހުޅުވަން ހަދާ މި ރިޒޯޓް ހެދުމަށް ރެއާލް މެޑްރިޑަށް މުއްސަދި ޑުބާއީގެ ސަރުކާރުން ވެސް އެހީތެރިކަން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ހަތަރު ލައްކަ ތިރީސްހާސް ސްކޮއާ ކިލޯ މީޓަރުގެ ސަރަހައްދެއްގައި މިރިޒޯޓަށް ފުރަތަމަ އަހަރު ވެސް އެއްމިލިއަން މީހުން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ރެއާލްގެ ސްޓޭޑިއަމުގައި ރިޒޯޓް ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގައި މުހިންމު ބައެއް ކުޅުންތެރިްންނާއި ކޯޗު ހޯސޭ މޮރީނިއޯ އަދި ކުރީގެ ތަރި ޒައިނުއްދީންޒިދާން ވެސް ބައިވެރިވި އެވެ. މި ރަސްމިއްޔާތުގައި އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނީ މިއީ މެދުއިރުމައްޗާއި އޭޝިޔާގައި ރެއާލްގެ މަގާމު އިތުރަށް ވަރުގަދަކޮށް ކުލަބު ޕްރޮމޯޓް ކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް މި ރަސްމިއްޔާތުގައި ކޯޗު މޮރީނިއޯގެ މޫނުމަތިން ތާޒާކަން އެއްގޮތަކަށް ވެސް ފެނިފައިނުވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ފަހަރުގައި މިއީ ރެއާލް އެންމެ ފަހުން ކުޅުނު މެޗުން މޮޅުނުވުމުގެ އަސަރުކަމަށް ވެސް މީޑިޔާތަކުން ބުނެ އެވެ.
ނުވަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިން އަބަދުވެސް ގެންގުޅޭ އެންމެ މުއްސަދި ކުލަބެވެ. ޒިދާނާއި ބްރެޒިލްގެ ރޮނާލްޑޯ އަދި ޑޭވިޑްބެކަމް އާއި އަލްފްރެޑޯ ޑީސްޓެފާނޯގެ އިތުރުން ފީގޯ އާއި ކަކާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގެ ރެކޯޑް އަދަދަށް އެކުލަބަށް ގެެންދިޔަ ވިދުންގަދަ ތަރިންނެވެ.