އިންޑިއާގެ ސަލާމަތަށް ނުރައްކާތެރި ޓީވީ ޗެނަލްތަކުގެ ލިސްޓަށް އިންޑިއާގެ ޑިފެންސުން ރާއްޖޭގެ ގައުމީ ޓީވީ ޗެނަލް، ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އިތުރުކޮށް އެ ޗެނަލް ބުލޮކް ކުރަން އެ ގައުމުގެ ރައްޔިތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

އިންޑިއާގެ ޓީވީ ޗެނަލްތަކާ ގުޅޭ މައުލޫމާތުތަށް އާންމުކުރާ އޮންލައިން ނޫސް، "އިންޑިއަން ޓެލެވިޒަން ޑޮޓްކޮމް" އިން ބުނީ އިންޑިއާގެ މާހައުލާ ނުގުޅޭ އަދި ގައުމުގެ ސަލާމަތަށް ނުރައްކާވާ މަންޒަރާއި އަޑު ފޮނުވާ 25 ޓީވީޗަނަލެއް ބްލޮކްކުރުމަށް އިންޑިއާގެ ޑިފެންސުން އެ ގައުމުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ގިނަ ޓީވީ ޗެނަލްތަކެއް ހިމެނޭ އެ ލިސްޓުގައި ރާއްޖެ އިން ހިމަނާފައި އޮތީ ޓީވީއެމް އެކަންޏެވެ.
އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ސީއެމް ޖަތުއާއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އެ ޗެނަލްތައް ބްރޯޑްކާސްޓްކުރުން ހުއްޓުވަން ޓީވީ ނެޓްވޯކް ރެގިއުލޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް މިހާރު އިސްލާހެއް ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހާއްސަ އޮފިޝަލުން ހުރިހާ ސްޓޭޓްތަކެއް މޮނީޓާ ކުރަމުން އެބަގެންދޭ އެ ޗެނަލްތައް ފޮނުވާތޯ ބެލުމަށް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ޓީވީއެމް އެ ލިސްޓުގައި ހިމެނުމުގެ މައްސަލައިގައި ޓީވީއެމްގެ ސީއީއޯ މުހަންމަދު އާސިފް (މޮންދު) މިއަދު ވިދާޅުވީ އެ ލިސްޓުގައި ރާއްޖޭގެ ނަން ހިމެނެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޓީވީއެމް އިން އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ އެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަންދެން އަޅުގަނޑުމެންގެ ކޮންޓެންޓުގައި އެފަދަ މައްސަލައެއް ނޯންނާނެ ކަމަށް. ދެން އަނެއްކާ އަޅުގަނޑުމެންގެ ހުއްދައެއް ލިޔުމަކުން އޮވެގެނެއް ނޫން އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ޓީވީއެމް ހުންނަނީ. އެއީ އަޅުގަނޑުމެން ހުއްދަ ލިބިގެން ސެޓަލައިޓަށް ދޫކޮށްފައި ހުންނަނީ. އަޅުގަނޑުމެންނަށް ހުއްޓުވޭކަށް ނޯންނާނެ އެކަމެއް،" މޮންދު ވިދާޅުވި އެވެ.

ޕާކިސްތާނުގެ އިތުރުން މި ސަރަހައްދުގެ ގައުމަކަށް ދެން ހިމަނާފައި އޮތީ ބޫޓާންގެ ޗަނަލަކާއި ބަގްލަދޭސްގެ ޗެނަލެކެވެ. އަދި އަރަބި ގައުމުތަކަށް ނިސްބަތްވާ ޗެނަލްތަކުގެ ތެރެއިން އަލްޖަޒީރާ ނިއުސް އާއި ޕީސްޓީވީ އަދި ސައުދީ ޓީވީވެސް ވަނީ އެ ލިސްޓުގައި ހިމަނާފަ އެވެ.