އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރާނެ ކަމަށާއި ނަމަވެސް ވާދަ ކުރާނީ ކޯލިޝަނެއްގެ ތެރެއިން ކަމެއް ނުވަތަ ނޫން ކަމެއް އަދި ނުނިންމާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ފުރަތަމަ ފަހަރަށް އިއުލާން ކުރައްވައިފައެވެ. އަދި ކޯލިޝަންގެ ތެރެއިން އެ އިންތިޚާބު އެމަނިކުފާން ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު، ޢަލީ ޞާލިޙު "ސަން"އަށް ވިދާޅުވީ ދެވަނަ ދައުރަކަށް ކޯލިޝަނަކާއެކު ކުރިއަށް ދާން ރައީސްގެ ހުށަހެޅުމެއް ރަސްމީކޮށް ލިބިފައި ނުވާތީ އެކަމާ މެދު އަދި އެ ޕާޓީގެ ތެރޭގައި މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. އަދި ރައީސްއަކީ ކޯލިޝަން ދެމެހެއްޓުމަށް އެންމެ ކުޅަދާނަ މާލިމީ ކަމަށް އެ ޕާޓީން ގަބޫލު ކުރާ ކަމަށް ވެސް ޢަލީ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީން ވަކި ގޮތަކަށް ނުނިންމާހާ ހިނދަކު އެ ޕާޓީގެ ލީޑަރަކީ ރިޔާސީ ކެންޑިޑޭޓެވެ. އެ ކެންޑިޑޭޓް ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ޖެހޭ ކަމަށް އަސާސީ ގަވައިދު ބުނެއެވެ.

ޢަލީ ވިދާޅުވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެތޯ ނުވަތަ އެ ޕާޓީން ބައިވެރިވާނީ ކޯލިޝަނެއްގައިތޯ ނިންމާނީ ޕާޓީގެ ގައުމީ ޖަލްސާއިން ނުވަތަ ކައުސިލުން ކަމަށްވާއިރު އެފަދަ އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ.

"މި ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ. ކުރާނެ ގޮތެއް އަދި ނުނިންމަން. ރައީސްގެ ހުށަހެޅުމެއް އައީމަ ޕާޓީގެ ކައުންސިލުން މަޝްވަރާ ކޮށްފައި އެކަމާމެދު ގޮތެއް ނިންމާނީ،" ޢަލީ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން މީގެ ކުރިން ބުނެފައި ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.

ރައީސް ޞާލިޙު އިއްޔެ ވިދާޅުވީ, އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވެން އޮތީ ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ.

"ގިނަ ޕާޓީތަކެއް އެކުވެގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަން. އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާ އެކީގައި އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެކަން," ރައީސް ވިދާޅުވިއެވެ.

ކޯލިޝަނެއްގެ ތެރެއިން މި ސަރުކާރު ވެރިކަމަށް އައިއިރު މިއީ ކޯލިޝަނެއް ދެމެހެއްޓޭ ހަމައެކަނި ވެރިކަމެވެ. މީގެ ކުރިން ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެން، ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޢަބްދުﷲ ޔާމީން ވެސް ވަނީ ކުޑަ މުއްދަތެއްގެ ތެރޭގައި ކޯލިޝަން އުވާލައްވައިފައެވެ.