09 Jun 2022, 14:50
ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމަކީ ކޮބައިކަން ކިޔައިދިނުމަށް ޓަކައި އަތޮޅުތެރެއަށް ޓީމުތަކެއް ފުރާން ތައްޔާރުވުމުގެ މަސައްކަތް ފަށައިފިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވައި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަަދު ނަޝީދެވެ.
ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ގޮވައިލާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް އެމްޑީޕީން ވަނީ ފަށާފައެވެ. އެ ޕެޓިޝަންގައި ރައީސް ނަޝީދަށް ތާއީދު ކުރައްވައި މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ސޮއިކުރައްވާފައެވެ.
މި ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، މަޝްހޫރު ޤާނޫނީ ވަކީލު ނިޝާން އިބްރާހީމް "ސަން"އަށް ވިދާޅުވީ އަތޮޅުތެރެއަށް މިހާތަނަށް ކުރި ދަތުރުތަކުންނާއި ކެންޕެއިންތަކުގައި ވެސް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމަކީ ކޮބައިކަން ގިނަ ރައްޔިތުންނަށް ނޭނގުން ކަމަށެވެ.
"މިހާރު މި ތައްޔާރުވަނީ އަތޮޅުތެރެއަށް ބަރުލަމާނީ އާއި ރިޔާސީ އަކީ ކޮބައިކަން ކިޔައިދޭން ޓީމު ތަކެއް ފޮނުވަން އެކަމަށް މިދަނީ ޓީމުތަކެއް ތައްޔާރުކުރަމުން. މި ދަތުރުތަކުގައި ރައްޔިތުންގެ ފަރާތުން އަންނާނޭ ސުވާލުތަކަށް ދޭނެ ޖަވާބުތަކުގެ އިތުރުން ބަރުލަމާނީގެ ކޮންސެޕްޓް އޮންނަ ގޮތް ޤާނޫނީ ގޮތުން ކިޔަައިދީ އިދާރީ ގޮތުން އެކަން ހިނގާނެ ގޮތް ސާފުކޮށް ދިނުމަށް ތައްޔާރުވަމުން މިދަނީ،" ނިޝާން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ އަތޮޅުތެރެއަށް ފޮނުވާ ޓީމުތައް، ތައްޔާރު ކުރުމުގެ މަސައްކަތަށް 25 ވަރަކަށް ދުވަސް އަދި ނަގާނެ ކަމަށާއި އޭގެފަހުން އެ ޓީމުތައް ރަށްރަށް ފުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބަރުލަމާނީއަށް ކެންޕެއިން ކުރުމުގެ ގޮތުން މިހާތަނަށް ކުރި މަސައްކަތުގައި ފާހަގަވި، އެންމެ ބޮޑު ކަމަކީ ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުންގެ އިތުބާރު ނެތްކަން ކަމަށާއި އަދި ބަރުލަމާނީ ނިޒާމެއް ގެންނަ ކަމުގައިވާނަ ރަނގަޅު އިލްމީ މަޖިލީހެއް އޮތުމަށް ރައްޔިތުން އެދޭކަން ކަމަށެވެ.
ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް ބަދަލު ކުރުމަށް ޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލައި ސޮއިކުރަން ފެއްޓި، ޕެޓިޝަންގެ މަސައްކަތް މަޑުޖައްސާލާފައިވާ އޮތުމަށްފަހު އަނެއްކާ ވެސް މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނައިރު، ނިޝާން ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދިއުން މަޑުޖައްސާލީ ބަރުލަމާނީ ކެންޕެއިން ޓީމުތައް ވެސް މިފަހުން ބޭއްވި އިންތިޚާބުތަކުގައި މަސައްކަތް ކުރާންޖެހުމުން ކަމަށެވެ.
ބަރުލަމާނީގެ ފުރަތަމަ ފޭސް ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައިކަން ފާހަގަ ކުރައްވައި ނިޝާން ވިދާޅުވީ މިހާރު ތައްޔާރުވަމުން އަންނަނީ ފޭސް ދޭއްގެ މަސައްކަތް ފެށުމަށް ކަމަށެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅައިލުމުގެ މަސައްކަތުގައި ރައީސް ނަޝީދު ވަނީ ސިޔާސީ ބައެއް ޕާޓީތަކުގެ އިސް ފަރާތްތަކާ ވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުންތަކުގައި ޤާނޫނު އަސާސީއަށް އިސްލާހު ގެންނާން އެހީކަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނާން ރައީސް ނަޝީދު ކުރައްވަމުން ވަޑައިގަންނަވާ މަސައްކަތްޕުޅުގައި ބައިވެރިވެވަޑައިގެން އެކަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހަށް ވެސް އެމަނިކުފާނު ހުށަހެޅުއްވިއެވެ.
އެހެންވިޔަސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ ރައީސްގެ ހުރިހާ ވިސްނުންފުޅެއް ވެސް މިވަގު ގެންގުޅުއްވަނީ ގައުމު ވެއްޓިފައިވާ އިޤުތިޞާދީ އަނދަވަޅުން އަރައިގަނެ، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްކަމަށެވެ. މީގެ އިތުރުން ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2007 ވަނަ އަހަރު ވަނީ ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ.
އެ ފަހަރު ނެގި ވޯޓުގައި ވޯޓުލީ 149،380 ރައްޔިތުންނެވެ. އޭގެ ތެރެއިން 92 ޕަސެންޓް މީހުން ވޯޓު ދިނީ ރިޔާސީ ނިޒާމަށެވެ.