އެކަށީގެންވާ ސްޕީޑުގައި މަސައްކަތް ނުކުރެވުނު ކަމުގައި ވިޔަސް، އެސެޓް ރިކަވަރީ ކޮމިޝަނުން ރަނގަޅު މަސައްކަތްތަކެއް ކުރި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރެވިފައި ނުވާކަން ގަބޫލު ކުރައްވާ ކަމުގައެވެ.

ނަމަވެސް އެ ކޮމިޝަނުން ވެސް މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވެ، ވަނީ އެ މަސައްކަތްތަކުގެ ތަފްސީލަށް އަލި އަޅުވާލައްވާފައެވެ.

"ފުރަތަމަ ކަމަކަށް އެ ރަށްތައް ދޫކޮށްފައި ހުރީ ގާނޫނާ އެއްގޮތަށް ތޯ، [ރަށްތަކަށް] ހަމަ އަގު ލިބިފައި ހުރިތޯ، މި ކަމުގައި އިސްވެ ތިބީ ކޮން ބައެއްތޯ. މީގެ ފައިދާ ލިބުނީ ކޮންބަޔަކަށްތޯ، [މި ކަންކަން ހޯދުމަށް] ބުރަ މަސައްކަތްތަކެއް ކުރެވިފައި ވަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ކޮމިޝަނުގެ މަސައްކަތްތައް ލަސްވުމުގައި އެކި ސަބަބުތައް މެދުވެރިވި ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑުގެ ދަތިކަން ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވާހަކަދައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

"އޭގެ އިތުރުން މި ދެ ކޮމިޝަނަށް [މަރު ކޮމިޝަނާއި، އެސެޓް ކޮމިޝަން] ވެސް ދިމާވި މައްސަލައެއް މަސައްކަތުގެ ވަކި ހިސާބަކުން ހާމަވާން ނުޖެހޭ މައުލޫމާތުތަކެއް ހާމަވުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެ ކަމުގެ ސަބަބުން ހެކިން ރައްކާތެރި ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށާއި، އަދި ތަހުގީގަށް މައުލޫމާތު ދޭން ބޭނުންވި އެތައް ބަޔަކު މައުލޫމާތު ދިނުން ހުއްޓާލި ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެ ކޮމިޝަނުން އެދިގެން އޮޑިޓް އޮފީހުން، ޚިޔާނާތުގައި ހިމެނޭ ރަށްތައް ދޫކުރީ ހަމަ އަގުގައިތޯ ބެލުމަށް އެސެސްމެންޓެއް ހަދާފައިވާނެ ކަމަށެވެ. އަދި އެ އެސެސްމަންޓް އޭސީސީއާ މިހާރު ހަވާލުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭސީސީން ދެން ކުރާނެ ކަމަކީ އެއާ އެއްގޮތަށް ފައިސާ ދައްކާފައި ނެތް ކަމުގައި ވަންޏާ އެ ފައިސާ ހޯދުމުގެ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މުއާމަލާތްތަކުން ފައިދާ ހޯދިކަމަށް ޝައްކުކުރެވޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލާފައިވާނެ ކަމަށާއި، ދެން ކުރިއަށް އޮތީ އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މައްސަލަ ބެލުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިޝާރާތް ކުރެއްވި ލިސްޓު މީގެ ކުރިން ވަނީ އާންމުންނަށް ލީކުވެފައެވެ. އަދި އޭގެ ފަހުން މަޖިލީހުން ވަނީ ލީކުވި ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތައް އުނި ކުރުމަށް ފަހު ލިސްޓެއް ނެރެފައެވެ.

އެ ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއް ޝަރީއަތުގައި އޮތްކަމާއި، އަށް މުއައްސަސާއަކުން ރަނގަޅުކުރަންޖެހޭ ކަންތައްތަކާމެދު ލަފާ އެރުވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަށް ބޭފުޅުން އައްުޔަން ކުރައްވާ އެބޭފުޅުންނާ ރައީސް ސޯލިހު ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން، ރައީސް އޮފީހުން "ސަން"އަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަން އުފެދުނީއްސުރެ، އުވާލުމާ ހަމައަށް އެ ކޮމިޝަނުގެ އެކި ބޭނުންތަކަށް ޖުމްލަ 10.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އޭގެ ތެރެއިން 5.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ކޮމިޝަންގެ މެންބަރުންގެ އެލަވަންސަށެވެ. އަދި މުވައްޒަފުންގެ މުސާރައާއި އެލަވަންސަށް 3.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތައް، އެކަށީގެންވާ މިންވަރަށް ތަހުޤީގު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަހްޤީގު ކުރުމަށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސްގެ ޞާލިޙު ޤަރާރަކުން އުފެއްދެވި ކޮމިޝަނެކެވެ. އެ ކޮމިޝަން ރައީސް އުވާލެއްވީ މި އަހަރުގެ މާޗުމަހުގެ ތެރޭގައެވެ.

އެ ކޮމިޝަން އުވާލެއްވީ އޭސީސީއަށް އަލަށް އައްޔަނުކުރުމަށް އޭރު ރައީސް ފޮނުއްވި ނަންތައް މަޖިލީހުން ފާސްވިތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ. ރައީސް އިއްޔެ ވިދާޅުވީ އެ ކޮމިޝަން އުފައްދަން ޖެހުނު ސަބަބަކީ އޭރު ހުރި މުއައްސަސާތަކަށް އިތުބާރު ނެތުން ކަމަށެވެ.