24 Mar 2012, 11:58
ދިރިއުޅުއްވުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މުލިއާގެއަށް ބަދަލުވެ ވަޑައި ނުގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ރައީސް ޑރ. ވަހީދު ހުންނަވާނީ ކުރިން އެމަނިކުފާނު، ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އިރު ވެސް ދިރިއުޅުއްވި ރަސްމީ ގެކޮޅު މ. ހިލާލީގޭގައި ކަމަށެވެ. ހިލާލީގެއަކީ މިހާރު ރައީސުލްޖުމުހުރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ރައީސުލް ޖުމުހުރިއްޔާ، މިހާރު ހުންނެވި ރަސްމީ ގެކޮޅު ބަދަލު ކުރައްވާކަށް ގަސްތުފުޅެއް ނުކުރައްވާ. އެހެންކަމުން ކުރިން ވެސް ހުންނެވި ގޮތަށް އެމަނިކުފާނު ހުންނަވާނީ ހިލާލީ ގެކޮޅުގައި،" އައްބާސް ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދު ރައީސްކަމުގެ ދުވަސްވަރު ދިރިއުޅުއްވެވި މުލިއާގެއަށް ރައީސް ވަހީދު ބަދަލުވެ ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވާހަކަތައް ފެތުރިގެން ދިޔައީ ބުރާސްފަތި ދުވަހު އެމަނިކުފާނު މުލިއާގޭގައި އާއްމު ރައްޔިތުންނާއި ބައްދަލުކުރެއްވި ހިސާބުންނެވެ. އައްބާސް ވިދާޅުވީ ރައީސް ވަހީދު މުލިއާގޭގައި އާއްމުންނާއި ބައްދަލު ކުރެއްވުމުގެ އިންތިޒާމު ހަމަޖެއްސީ ހިލާލީގެއަކީ އެހާ ތަނަވަސް ގެކޮޅަކަށް ނުވާތީ އާއި ރައީސް އޮފީސް ތެރޭގައި ވެސް އެ ބައްދަލުވުން ބާއްވާނެ ޖާގަ ނެތުމުން ކަމަށެވެ.
"އެބައްދަލުވުން ބޭއްވުމުގައި ވެސް މުލީއާގެ އެތެރޭގެ ހުރި އިމާރާތްތަކެއް ބޭނުމެއް ނުކުރައްވާ. ބޭނުންކުރެއްވީ މުލީއާގެ ގޯތިތެރެ،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ރައީސް ރައްޔިތުން ދަތިހާލުގައި އުޅޭއިރު ބޮޑު ގަނޑުވަރެއްގައި ދިރިއުޅުއްވުން ރައީސް ވަހީދު ބޭނުންފުޅުވެޑައި ނުގަންނަވާ ކަމަށާއި ހިލާލީގޭގައި ދަތިތަކެއް ހުރި ނަމަވެސް ދިރިއުޅުއްވާނީ އެގޭގައި ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ވެރިކަމުގައި ރައީސުލް ޖުމުހުރިއްޔާގެ ރަސްމީ ގަނޑުވަރުކަމުގައި ހަމަޖެއްސެވި ތީމުގެ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝިދު ވެރިކަމަށް ވަޑައިގެންނެވުމަށް ސުޕްރީމްކޯޓަށް ބަދަލުކުރައްވާ އެމަނިކުފާނުގެ ރަސްމީ ގެކޮޅުކަމުގައި މުލިއާގޭ ހަމަޖައްސަވާފަ އެވެ. ރައީސް ވަހީދު ވަނީ މުލިއާގެއަށް ވަޑައި ނުގަންނަވާ އެމަނިކުފާނު ނައިބު ރައީސްކަމުގެ މަގާމުގައި ވެސް ދިރިއުޅުއްވި ހިލާލީގެ ރައީސުލް ޖުމުހުރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅުކަމުގައި ހަމަޖައްސަވާފަ އެވެ.