މެންޗެސްޓާ ޔުނައިޓެޑާ އަލަށް ހަވާލުވި ކޯޗު އެރިކް ޓެން ހެގްގެ ދުރު ރާސްތާ ޕްލޭންގެ ދަށުން އެ ކުލަބުގެ ކެޕްޓަން ހެރީ މެގުއަޔާއަށް ފުރުސަތު ދޭން އޭނާ ބޭނުންވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ޒިންމާ ނަގަންޖެހޭނީ މެގުއަޔާ ކަމަށް އެ ޓީމުގެ ސަޕޯޓަރުން ވަނީ ބުނެފައެވެ. އަދި އޭނާއަށް މެޗުތަކުން ފުރުސަތު ނުދިނުމަށް ވެސް އެ ޓީމުގެ ސަޕޯޓަރުން ވަނީ ގޮވާލާފައެވެ.

ނަމަވަސް ޓެން ހެގްގެ ޕްލޭނުގައި އޭނާ ހިމެނޭނެކަމަށާއި، އޭނާއަށް މެޗުތަކުން ފުރުސަތުދިނުމަށް ތައްޔާރަށް ޓެން ހެގް ހުރިކަމަށް ޑެއިލީ މިރާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ޓެން ހެގްއާ ހަވާލާދީ އެ ނޫހުން ބުނީ މެގުއަޔާއާއެކު ކުޅުމަށް، އެ ޓީމަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަޔެކްސްގެ ޑިފެންޑަރު ޖޫލިއަން ޓިމްބާއާއެކު ކުޅެ އަލުން އޭނާ ފޯމަށް އޭޅޭނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށެވެ.

މިހާރު އިންގްލެންޑުގެ ގައުމީ ޓީމާއެކު ނޭޝަންސް ލީގު މެޗުތައް ކުޅުމަށްފަހު މެގުއަޔާއަށް އަރާމު ކުރުމަށް ހަތަރު ހަފްތާ ލިބޭނެއެވެ. އަދި އެއަށްފަހު ޔުނައިޓެޑްގެ ޕްރީ ސީޒަނަށް އާ ކޯޗު ޓެން ހެގް އާއެކު އޭނާ ނިކުންނާނެއެވެ.

އުމުރުން 29 އަހަރުގެ މެގުއަޔާ ލެސިސްޓާ ސިޓީގައި ދައްކަމުންދިޔަ މޮޅު ކުޅުމުގެ ސަބަބުން ޔުނައިޓެޑުން ވަނީ 2019 ވަނަ އަހަރު ރެކޯޑް ފީއަކަށް އޭނާ އެ ޓީމަށް ގެންގޮސްފައެވެ. ނަމަވެސް އޭގެ ފަހުން މެގުއަޔާގެ ފަރާތުން ސަޕޯޓަރުން އެންމެ ބޭނުންވި ކުޅުން ނުފެނުމުގެ ސަބަބުން ޓީމުން އޭނާ ދޫކޮށްލުމަށް ވެސް ސަޕޯޓަރުން ދަނީ ގޮވަމުންނެވެ.

މެގުއަޔާ ވަނީ ޔުނައިޓެޑަށް 102 މެޗު ކުޅެދީ ހަތަރު ގޯލު ޖަހައިދީފައެވެ. އަދި އިނގިރޭސި ގައުމީ ޓީމަށް 43 މެޗު ކުޅެ ހަތް ގޯލު އޭނާ ވަނީ ޖަހާފައެވެ.