މިއީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައިނަންގަވަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް, އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލާން ތައްޔާރަށް ހުންނެވިކަން ފުރަތަމަ ފަހަރަށް ރައީސް ޞާލިޙު މިއަދު ވަނީ އިއުލާނު ކުރައްވައިފައެވެ.

ވަރަށް ގިނަ ބޭފުޅުން މެސެޖް ކުރައްވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އެމަނިކުފާނަށް ފެންނަގޮތުގައި މިއަދުގެ ހާލަތުއޮތީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައިނަންގަވަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ.

"މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތާމެދު ވިސްނާ މަގަށް އަޅުވަންވީ ވަގުތު," މަޖިލީހުގެ ރައީސްކަމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު މިއަދު ރައީސް ޞާލިޙު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ, އެމްޑީޕީއަށް ވެރިކަން ލިބެން އޮތީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެކަން ކުރުމަށް އެމަނިކުފާނަކީ ޗޮއިސެއް ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވަނީ އިއުލާނު ކުރައްވާފައެވެ.