މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ރައީސަކަށް އެ ކައުންސިލްގެ މެމްބަރު މުޙައްމަދު ޝަފާއު ހަސަން މިއަދު އިންތިޚާބުކޮށްފިއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ޝަފާއު މިރޭ މިދާޅުވީ އެމްއެމްސީގެ މިއަދުގެ ޖަލްސާގައި އޭނާ ރައީސް ކަމަށް އިންތިޚާބުވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.

އޭނާ ވިދާޅުވީ ވީހާވެސް އަވަހަކަށް ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް ކުރަން ހުރި މަސައްކަތްތައް ރާވާނެ ކަމަށެވެ.

"ދެން ވަރަށް ކުޑަ ދުވަސްކޮޅެއް މިހާރު ދައުރުގަ ބާކީ މި އޮތީ ވެސް،" އޭނާ ވިދާޅުވިއެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ އިއްޔެ ވަނީ އެ މަގާމުން އިސްތިއުފާދެއްވާފައެވެ.

އިއްޔެ މީޑިއާ ކައުންސިލްގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހުބާން ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަކީ ސިޔާސީ ބޭނުމެއްގައި ކުރާ ތުހުމަތުތަކެއް ކަމަށެވެ.

އޭނާއަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ތުހުމަތުތަކާ ގުޅިގެން މިހާރު މަގުމައްޗަށް ނުކުމެ އުޅެން އުނދަގޫ ކަމަށާއި އަމިއްލަ ނަފްސުގެ ރައްކާތެރިކަން އޮތް ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޝަހުބާނާއި އޭނާގެ ބޭބޭ އަލްހާން ފަހުމީ ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ.