ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލާން ތައްޔާރަށް ހުންނެވިކަން ފުރަތަމަ ފަހަރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއުލާނު ކުރައްވައިފިއެވެ.

ރައީސް ޞާލިހް އެކަން އިއުލާން ކުރައްވާފައިވަނީ މިހާރު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ, އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވެން އޮތީ ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ.

"ގިނަ ޕާޓީތަކެއް އެކުވެގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަން. އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއި އެކީގައި އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބް ކުރެވޭނެކަން," ރައީސް ވިދާޅުވިއެވެ.

އެންމެ މުހިންމުކަމަކީ އެމްޑީޕީއަށް ވެރިކަން ލިބުންކަން ފާހަގަކޮށް ރައީސް ޞާލިހު ވިދާޅުވީ, އެއީ މުޅި ރާއްޖެއަށް ވެސް އޮތް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. އަދި މިހާރު ފަށާފައިހުރި މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

"އަޅުގަނޑު ދޭނެ ޔަގީންކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023ގެ. އެމްޑީޕީއަށް ވެރިކަން ބޭނުންވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް," ރައީސް ވިދާޅުވިއެވެ.

ޕްރައިމަރީ ބާއްވާތީތޯ ނުވަތަ ނޫންތޯ ނިންމާނީ އެމްޑީޕީގެ ކޮންގްރެސްއިންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, އެޕާޓީން އެކަނި ނިކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.