ދަތިނުވެ ކާޑުގެ ބާވަތްތައް ގަނެވޭ ވަރަށް ދައުލަތުގެ ރިޒާވްގައި ފައިސާ އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބޭނުންކުރެވޭ ރިޒާވް އެންމެ ގިނައިން ހުރި އަހަރަކަށް މި އަހަރު ވާނެ ކަމަށެވެ.

"މިއަދު އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ، ކާޑުގެ ބާވަތްތަކާއި ތެލާއި ބޭސް ދަތިނުވެ މަހުން މަހަށް ގަނެވޭ ވަރަށް ފައިސާ ހުންނާނެ. އެއީ ޖޫން މަސް ކަމަށް ވިޔަސް ޖުލައި މަސް ކަމަށް ވިޔަސް އޮގަސްޓް، ސެޕްޓެމްބަރު، އޮކްޓޯބަރު ކަމަށް ވިޔަސް، ފައިސާ ހުންނާނެ. އަދި މިހާރު ޔޫޒަބަލް ރިޒާވް އެންމެ ގިނައިން ހުރި އެއް އަހަރަށް މި އަހަރު ވާނެ،" ރައީސް ޞާލިހް ވިދާޅުވިއެވެ

ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތި އުނދަގުލުގެ އަސަރު ރާއްޖެއަށް ކުރާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެންމެ އެކީގައި މަސައްކަތްކޮށް މި އަޑިގަނޑުން އަރައިގަންނަން ޖެހޭ ކަމަށެވެ.

"ދައުލަތަށް ބޭނުންވާ އަސާސީ ތަކެތި ގަތުމައްޓަކައި އެސްޓީއޯއަށް ދަތިނުވެ އެ އިމްޕޯޓްކުރުމައްޓަކައި އެސްޓީއޯއަށް ބޭނުންވާ ފައިނޭންޝަލް ފެސިލިޓީ އަޅުގަނޑުމެން ވަނީ ހޯދައި އައިޓީއެފްސީން 175 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް މިހާރު ވާނީ ހޯދާފައި," ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެސްޓީއޯއަށް ދަތިނުވެ ތެލާއި ކާޑު އަދި ބޭހުގެ ބާވަތްތައް, ރާއްޖެ އެތެރެކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތަކެތީގެ އަގުތައް އުފުލެމުންދާއިރު ގޮދަނުގެ އަގު ކުރިން ހުރި އަގަށްވުރެ ދެގުނު ބޮޑުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހާލަތު ވަރަށް ގާތުން ބައްލަވަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދައުލަތުގެ ރިކަރެންޓް ޚަރަދު ލިބޭ އެއްޗަކުން ހަމަޖެއްސުން އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް," ރައީސް ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މޭ މަހުގެ ނިޔަލަށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކޮށްފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ކުރިން ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތައް މަޑުޖައްސާލާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ހުރީ ރަނގަޅު މިސްރާބަކަށްކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ ފުރަތަމަ ފަހަރަށް 2023 ވަނަ އަހަރު ނިމޭއިރު ނޮމިނަލް ޖީޑީޕީ 100 ބިލިއަން ރުފިޔާ ހުރަސް ކުރާނެ ކަމަށެވެ.