08 Jun 2022, 16:16
ލޯނު ނަގައިގެން އިތުރު މަޝްރޫއެއް ހިންގުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ދުނިޔޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެފައިވާ ދަތި އުނދަގުލުގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ވެސް ކުރާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގެ އިގުތިސާދީ ހާލަތާ ބެހޭ ގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ހާސްކަން އިތުރުވާ ކަމަށާއި ބައެއް ބޭފުޅުން އެ ވާހަކަތައް ދައްކަވަނީ ސިޔާސީ ބޭނުމަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ސިޔާސީ ބޭނުމެއްގައި ދައްކަން ޖެހޭ ވަރުގެ ވާހަކައެއް ނޫން. އެއަށް ވުރެ ސީރިއަސްކޮށް އެންމެން އެކީގަ މަސައްކަތްކޮށް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތް ކަންތަކުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހުއްޓުމަކަށް އައިސް، 2020 ވަނަ އަހަރާއި މިދިޔަ އަހަރު މުޅި ޖީޑީޕީން 70 ބިލިއަން ރުފިޔާ ވަރު ގެއްލި، އޭގެ ތެރޭގައި ދައުލަތަށް ވަންނަން ޖެހޭ ފައިސާގެ 35 ބިލިއަން ރުފިޔާ ނުލިބި ދިޔަަ ކަމަށެވެ.
އެ ހާލަތުގައި އިގުތިސާދު ހިންގުމަށާއި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ފައިސާ ބޭނުންވި ނަމަވެސް ދައުލަތުގެ ރިޒާވްގައި އޭރު އެހާވަރަށް ފައިސާއެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
"ލޯން ނަގަން މަޖުބޫރުވި. އަޅުގަނޑުމެން އެކަން ކުރިން. އެއީ އޭރު އިގުތިސާދީ އިންސްޓިޓިއުޝަންތަކުން މާލީ އިދާރާތަކުން ލަފާ ދެމުން ވެސް ދިޔަ ގޮތް،" ރައީސް ވިދާޅުވިއެވެ.
އެ ލޯނުތަކުގެ އެހީގައި ވިޔަފާރިތަކަށާއި މުސާރައިގެ ގޮތުގައި ފައިސާދީ، ކޮވިޑުން ސަލާމަތްވާން އަޅަން ޖެހޭ ފިޔަވަޅުތައް ކާމިޔާބުކަމާއެކު އެޅި ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ކޮވިޑާ ގުޅިގެން ކުރިމަތިވި ދަތިކަމަށް ފަހު ދެން ކުރިމަތިވީ ޔޫކްރެއިން ހަނގުރާމަ ކަމަށާއި އެއާއެކު އިގުތިސާދަށް ބޮޑެތި ބަދަލުތަކެއް އައިސް ތެލާއި ގޮދަނާއި ސިމެންތީގެ އަގު އުފުލުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު ތެޔޮ ފީފާއެއްގެ އަގު ހުރީ 69 ޑޮލަރުގައި ކަމަށްވީ ނަމަވެސް މިއަހަރު އެ އަދަދު 120 ޑޮލަރާ ގާތަށް ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ދުނިޔޭގެ އިގުތިސާދީ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
"ފުރަތަމަ ކަމަކަށް ދައުލަތުގެ ރިކަރަންޓް ހަރަދު ލިބޭ އެއްޗަކުން ހަމަޖެއްސުން އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް. މިވަގުތު ވެސް ވަނީ އެގޮތަށް އަމާޒު ހިފާފަ އެގޮތަށް ކުރިއަށް މިދަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކުރުމުން، މިދިޔަ މަހުގެ ނިޔަލަށް ހަރަދު ވާނެ ކަމަށް ލަފާ ކުރި މިންވަރަށް ވުރެ، ހަރަދުވި މިންވަރު ދަށްވި ކަމަށެވެ. އެގޮތުން މޭ މަސް ނިމޭ އިރަށް 15.1 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކުރި ނަމަވެސް ހަރަދުވީ 14.1 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޚަރަދުތައް ކުޑަ ކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ބައެއް މަޝްރޫއުތައް، އައު ބައެއް މަޝްރޫއުތައް ފެށުން ވެސް މިހާރު ވާނީ ހުއްޓާލާފަ އޭގެ ތަފްސީލުތައް އަޅުގަނޑުމެން އާންމު ކުރަމުންގެންދާނަން. އިތުރު އާ ބޮޑު މަޝްރޫއެއް އަލުން ސޮއިކޮށްގެން އަލުން ލޯން ނަގައިގެން މިގޮތަށް ކުރިއަކަށް ގެންދިޔުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް. މިހާރު ހަމަޖެހިފައި ހުރި ލޯންތަކާ އެކީގަ މަޝްރޫއުތައް ކުރިއަށްދާނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އެގޮތަށް ވިދާޅުވީ، ސަރުކާރުން ހިންގަމުންދާ މަޝްރޫއުތައް މަޑުޖައްސާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ފަހުންނެވެ.
މިމަހުގެ އެކެއްގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މިވަގުތު ރާއްޖޭގެ މާލިއްޔަތަށް އެންމެ ރަނގަޅު ގޮތަކީ ސަރުކާރުން ވައުދުތައް ފުއްދުމުގެ ސްޕީޑް މަޑުޖައްސާލުން ކަމަށެވެ. އަދި އަވައްޓެރި ސްރީލަންކާ ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާކަން ފާހަގަކުރައްވައި، އެއީ ރާއްޖެއިން ވިސްނުންތެރިވާން ޖެހޭ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.