އިއްޔެގެ ހުކުރު ނަމާދުގައި މަސްޖިދުލް ސުލްތޯނު މުހައްމަދު ތަކުރުފާނުލް އައުޒަމް، އިސްލާމީ މަރުކަޒުގައި އެއްގަޑިއިރުގެ ހުތުބާއެއް ދެއްވައިފި އެވެ. ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގައި އިއްޔެ އިމާމުވެވަޑައިގެން ހުކުރު ނަމާދު ކުރެއްވެވީ ޝައިހު އާދަމް ޝަމީމެވެ.

އިއްޔެގެ ހުކުރު ހުތުބާއަކީ މިހާތަނަށް ރާއްޖޭގައި ދެއްވި އެންމެ ދިގު ހުކުރު ހުތުބާކަމަށް ވެއެވެ. އަދި އިއްޔެ އިސްލާމީ މަރުކަޒަށް ހުކުރަށް ދިޔަ މީހުން ވަނީ ހުތުބާ ދިގުވެގެން އެވާހަކަ ދައްކާފަ އެވެ. އިއްޔެގެ ހުކުރު ނަމާދު ނިމިފައިވަނީ ގާތްގަޑަކަށް 1:40 އެހާކަންހާއިރު އެވެ.

ހުތުބާ ދިގުވެގެން އިއްޔެ އިސްލާމީ މަރުކަޒަށް ހުކުރަށް ދިޔަ ކުޑަކުދިންނާއި ބައެއް މީހުންގެ ފަރާތުން ފޫހިކަން ފެނުނުނަމަވެސް ހުކުރުން ފޭބި ބައެއް މީހުން ބުނެފައި ވަނީ އިއްޔެގެ ހުކުރު ހުތުބާ ވަރަށް އަސަރުގަދަ ކަމަށާއި ރާއްޖެ އަށް ދިމާވެފައިވާ ހާލަތު ހުތުބާގައި އިމާމް ވަރަށް ރަނގަޅަށް އަލިއަޅުވާލެއްވެވި ކަމަށެވެ.

އިއްޔެގެ ހުކުރު ހުތުބާގައި ޝައިހު އެންމެ ބޮޑަށް ވާހާކަފުޅު ދައްކަވާފައި ވަނީ މާތް ﷲ ސުބުހާނަހޫ ވަތާއާލާގެ ދެކެ ލޯބިވެ ނަމާދު ކުރުމާއި އިސްލާމް ދީނުގައި އަންގަވާފައިވާ އަޅުކަންތައް ކުރުމަށާއި މިހާރު މުޖުތަމައުގައި ހިނގާ ބައެއް ކަންކަމުގެ މައްޗަށެވެ.

ހުތުބާގައި ރާއްޖޭގެ މުޖުތަމައުގައި މާތް ﷲ އަށްޓަކައި ލޯބިވުމާއި އެކަލާނގެއަށްޓަކައި ރުޅިއައުމުގެ މަތިވެރި ޝިޢާރު ގެއްލިގެން ގޮސްފައިވާ ކަމަށާއި އިސްލާމީ އަޚުވަންތަ ކަމަށް ވުރެ އެބައެއްގެ ޕާޓީގެ ނުވަތަ ޖަމާޢަތްތަކާއި ގްރޫޕްތަކުގެ ގުޅުމާއި ލޯތްބާއި އިހްތިރާމް މަތިވެރިކޮށްފައިވާ ކަމަށް ވެސް އިމާމް ވިދާޅުވި އެވެ.

ޝައިޚް ވިދާޅުވީ މުސްލިމް މުޖުތަމަޢުގެ ޙާލަތާމެދު ވިސްނާއިރު ބައެއް މީހުން އެންމެ ބޮޑަށް ލޯބިވަނީ ﷲ ޞުބްހާނަހޫވަތައާލާ އާއި ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމައަށްތޯ ނުވަތަ އެހެން އިންސާނުން ދެކެތޯ ސުވާލުއުފެދޭ ކަމަށެވެ. ޙަދީސްގެ އަލީގައި ޝައިހު ޝަމީމް ވިދާޅުވި ގޮތުގައި އީމާންކަމާއި އިސްލާމްކަމުގެ އެންމެ ވަރުގަދަ އެއް ސިފައަކީ ﷲ އަށްޓަކައި ލޯބިވުމާއި އެކަލާނގެއަށްޓަކައި ރުޅިއައުމެވެ. ނަމާދު ޤާއިމްކޮށް ޒަކާތްދީ ހެޔޮކަންތައްކުރާ ސޯލިހު އަޅުންދެކެ ދެކެ ﷲ އަށްޓަކައި ލޯބިވުމެވެ.