މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް ހޮވާނީ އެ ޖަމުއިއްޔާގެ އަހަރީ އާންމު ޖަލްސާގައި ކަމަށް އެމްޖޭއޭއިން ބުނެފިއެވެ.

އެމްޖޭއޭގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ހުންނެވި ނޫސްވެރިޔާ އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރު މުޙައްމަދު ހަމްދޫން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު ޖަލްސާގައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ޖަމުއިއްޔާއިން ބުންޏެވެ. އެއަށްފަހު އާންމު މެންބަރުންގެ މެދުގައި ވޯޓެއް ނެގުމަށްފަހު ރައީސް ހޮވާނެ ކަމަށް އެމްޖޭއޭއިން ބުންޏެވެ.

އެ ޖަލްސާގައި ރައީސް ހޮވުމުގެ އިތުރުން އެ ޖަމުއިއްޔާގެ ހިންގާ ކޮމިޓީން ފާސްކޮށްފައިވާ ކަންކަމަށް ވޯޓަށް އަހާނެއެވެ. އެ ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުތަކަށް ބަލާއިރު ކޮމިޓީއަށް އަންހެން ދެ މެންބަރަކު އިންތިހާބު ކުރުން ހިމެނެއެވެ. އަދި ފައުންޑަރުން އުނިކުރުމަށް ވެސް ފާސްކޮށްފައިވެއެވެ.

މި އިސްލާހުތަކަށް ވޯޓަށް އެހޭނީ ޖަމުއިއްޔާގެ މެންބަރުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި މެންބަރުން އެ ޖަލްސާގައި ބައިވެރިވުމުންނެވެ. ވުމާއެކު އެ ޖަލްސާގައި ހުރިހާ މެންބަރުން ވެސް ބައިވެރިވުމަށް އެ ޖަމުއިއްޔާއިން އެދެއެވެ.

އެމްޖޭއޭއަކީ 2009 ވަނަ އަހަރު އުފަންވި ޖަމުއިއްޔާއެކެވެ. އެ ޖަމުއިއްޔާއިން ވަނީ ދިވެހި ނޫސްވެރިކަމަށް ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން އަޑުއުފުލާ، އެކަމުގައި ގިނަ ކާމިޔާބީތަކެއްވެސް ހާސިލު ކޮށްފައެވެ. އަދި ދިވެހި ނޫސްވެރިންނަށް ތަމްރީނާއި، ކިޔެވުމުގެ ގިނަ ފުރުސަތުތަކެއް ވެސް އެ ޖަމުއިއްޔާއިން ވަނީ ހޯދައިދީފައެވެ.