ކައުންސިލްތައް ހިންގުމަށް ދިމާވާ މާލީ ދަތިތަކަށް މި ސަރުކާރަށް ހައްލެއް ހޯދައި ނުދެވޭނެކަމަށް ޕިޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކައުންސިލްތަަކަށް ލިބިފައިވާ ބާރުތައް ތަންފީޒުކުރުމަށާއި ކައުންސިލްތަކުގެ މަސައްކަތްތައް ކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެދި ޝިޔާމް ހުށަހަޅުއްވާފައިވާ ޤަރާރަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ކައުންސިލްތަކުގެ ދަތިތައް ސަރުކާރަށް ހައްލު ނުކުރެވޭނެ ނަމަވެސް އުސޫލީ އަދި ޤާނޫނީ ފުށުއެރުންތަކަށް ހައްލެއް ހޯދުމަށް މަޖިލީހުން މަސައްކަތް ކޮށްދޭނެ ކަމަށެވެ.

''އަޅުގަނޑުގެ މި ޤަރާރާއެކުގައި، ކައުންސިލްތަކަށް ދިމާވެފައި މިހިރަ ދަތިތަކަށް ވަކިން ހާއްސަކޮށް އުސޫލީ، އަޅުގަނޑަށް އެނގޭދެން މާލީ ކަންތައްތައް މި ސަރުކާރަށް ކައުންސިލްތަކަށް ކޮށް ނުދެވޭނެކަން. އެހެންނަމަވެސް އުސޫލީ ބައެއް ކަންތައްތައް އެބަހުރި، ބައެއް ކަހަލަ ޤާނޫނީ ފުށުއެރުންތައްވެސް އެބަހުރި. އެކަންތައްތައް މަދުވެގެން އަޅުގަނޑުމެންނަށް ރަނގަޅު ކޮށްދެވިދާނެ،'' ޝިޔާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް މަދުވެފައިވާކަމަށާއި ލިބޭ އާމްދަނީވެސް ޚަރަދުކުރަމުން ދަނީ ސަރުކާރު ދެމެހެއްޓުމަށް ކަމަށެވެ.

އޭނާ މި ޤަަރާރުގައި އިތުރަށް ވިދާޅުވެފައިވަނީ ކައުންސިލްތަކަށް މާލީ ބޮޑެތި ދަތިތަކެއް ދިމާވާ ކަމަށެވެ. އެގޮތުން، ސިވިލް ސާވިސްގެ ތެރެއިން ބޮޑެތި ދަތިތަކެއް ދިމާވާކަމަށާއި އޭގެ ތެރޭގައި ކައުންސިލްގެ މަސައްކަތްތަކަށާއި، ކައުންސިލުން ފޯރުކޮށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލްގެ އާމްދަނީން އިތުރު މުވައްޒަފުން ހޯދުމަށް އެދުނު ނަމަވެސް ސިވިލް ސާވިސްއިން އެކަމުގެ ހުއްދަ ނުދޭ ކަމަށް ޤަރާރުގައިވެއެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު ކައުންސިލްތަކުގެ އޮނިގަނޑު ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅާފައި ވަނިކޮށް އަނެއްކާ މިއަހަރުގެ އައު އޮނިގަނޑު އަލުން ފޮނުވުމަށް އަންގާފައިވާ ކަމަށް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި އައު އޮނިގަނޑު ފާސްނުކޮށް އެއް އަހަރު ވެފައިވާތީ ކައުންސިލްތަކަށް މުވައްޒަފުން މަދުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ބުރޫ އަރާކަމަށް އެ ޤަރާރުގައިވެއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުން ދައުލަތް ހިންގުމަށް އެންމެ ގަދައަށް ވަކާލަތުކުރާ ޕާޓީ ވެރިކަމުގައި އޮތް ނަމަވެސް ލާމަރުކަޒީ ނިޒާމުން ކަންކަން ހިންގާތައް ނުފެންނަކަމަށެވެ.

މިދިޔަ މަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގެންނެވި 'ވިއަވަތި ކޮންފަރެންސް' ނިންމާލުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ދޭއިރު މުޅި ދައުލަތުގެ އާމްދަނީއަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ގޮތްތަކެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.