ލައިޓެއް ނުދިއްލިގެން އެކަމާ ސުވާލުކުރަން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވަނީ ލ. މާވަށުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހައްދަވައިދެއްވި ދެ ވޮލީ ކޯޓާއި ފުޓްސެލް ދަނޑުގެ ލައިޓުތައް ހަލާކުވެ، ނުދިއްލޭތީ އެކަން ހައްލު ކޮށްދެވޭނީ ކޮންއިރަކުންތޯ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ލައިޓެއް ނުދިއްލިގެން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަހަލަ މައްސަލަތައް ހައްލު ކުރުމަށް އެ ރަށެއްގެ ކައުންސިލަށް މަސައްކަތް ކުރެވިދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ފުޓްސަލް ދަނޑުގެ ލައިޓު ހަލާކުވެގެން ނުކުޅެވި، ވޮލީ ކޯޓުގެ ލައިޓެއް ނެތިގެން ނުކުޅެވި، މިނިސްޓަރާ ހެދި ހުންނަން ޖެހޭ ވިސްނުން ހަގީގަތުގައި ވެސް އެބަ ޖެހޭ ނިމުމަކަށް ގެންނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީއަށް ވީވަރަކުން އެ މަސައްކަތްތައް ކޮށްދެމުން ގެންދާ ކަމަށެވެ. އެކަހަލަ ކުދިކުދި ކަންކަން ހައްލު ކުރަން ކައުންސިލްތަކުގެ ބަޖެޓު އިތުރު ކުރަން ޖެހޭނަމަ އެކަން ކޮށްގެން ނަމަވެސް އެފަދަ މައްސަލަތަކުގައި މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިއަދު ސައީދު ވަނީ މާވަށު ޓާފް ދަނޑު ހަލާކުވެފައިވާ މައްސަލައާއި އެރަށު ޔޫތް ސެންޓަރު މަރާމާތު ކުރުމުގެ މަސައްކަތާ ބެހޭ ގޮތުން ވެސް ސުވާލު ކުރައްވާފައެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން މަހުލޫފް ވިދާޅުވީ މާވަށު ދަނޑު ހަލާކުވެފައިވާ މައްސަލައާ ގުޅިގެން މާވަށު ކައުންސިލުން މެއި މަހުގެ 10 ވަނަ ދުވަހު މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެކަމަށް ބަޖެޓު ކޮށްފައި ނުވާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. ނަމަވެސް އެކަން ވެސް ހައްލު ކުރުމަށް ގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 60 އަށް ވުރެ ގިނަ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި 10 އިންޑޯ ކޯޓުގެ މަސައްކަތް ކުރަމުންދާކަން ވެސް މަހުލޫފް ފާހަގަކުރެއްވިއެވެ.