ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ގައުމީ މަސްލަހަތަށް މަސައްކަތް ކުރުމަށް ކޮމަންވެލްތުން ގޮވާލައިފި އެވެ.
ކޮމަންވެލްތުން ރާއްޖެ އަށް ކަނޑައެޅި ހާއްސަ މަންދޫބު ސާ. ޑޮން މެކްކިނޮން ރާއްޖެ އިން ފުރާވަޑައިގަތުމުގެ ކުރިން އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބޭއްވޭނެ ފަދަ ސުލްހަވެރި މާހައުލެއް ގާއިމް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ގައުމީ މައްސަލަހަތަށް މަސައްކަތްކުރުމަށް ހުރިހާ ޕާޓީތަކަށް ވެސް ގޮވާލައްވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އުނދަގޫ ހާލަތެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ކަމަށާއި ގައުމީ މައްސަލަތަކާ މެދު ބަހުސްކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދިއުން މުހިއްމު ކަމަށް ވެސް ސާ. ޑޮނަލްޑްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"ރައްޔިތުންގެ މަޖިލިސް މިހާރު ރަނގަޅަށް ހިނގުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގައުމީ މައްސަލަތަކާ މެދު ބަހުސް ކުރުމަށް އެނބުރެވޭނީ އޭރުންނެވެ. "ސާ. ޑޮނަލްޑްގެ ބަޔާނުގައިވެ އެވެ.

ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތުގެ މުހިއްމުކަން ފާހަގަކުރައްވައި، ކޮމަންވެލްތުގެ ފަންނީ އެހީ އެމަސައްކަތަށް ލިބޭނެ ކަމަށް ވެސް ސާ. ޑޮލަޑް ވިދާޅުވެފައިވެ އެވެ.
ސާ. ޑޮން މެކްކިނަންގެ ދަތުރުފުޅުގައި ރާއްޖޭގެ ޝަރުއީ ނިޒާމާއި ޑިމޮކްރެޓިކް އެހެން މުއައްސަސާތައް ވެސް ހަރުދަނާ ކުރުމަށް ކޮމަންވެލްތާއި އދ.އާއި އިންޓަޕާލަމެންޓްރީ ޔޫނިއަން ފަދަ ޖަމާއަތްތަކުން ވެދެވޭނެ އެހީތެރިކަމާ މެދު މަޝްވަރާކުރެއްވި ކަމަށް ވެސް އޭނާގެ ބަޔާނުގައި ހާމަކުރައްވާފައިވެ އެވެ.

އަވަސް އިންތިހާބަކާ މެދު ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވާތީ އުފާކުރައްވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރާއްޖެއަށް ކަނޑައެޅުއްވި ހާއްސަ މަންދޫބު ސާ. ޑޮނަލްޑް މެކްކިނަން ރާއްޖެ ވަޑައިގަތީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އޭނާ ރާއްޖޭގައި ހޭދަކުރެއްވި މުއްދަތުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވެރިންނާ އެކު މަޝްވަރާތައް ކުރިއަށް ގެންދެވި އެވެ.