08 Jun 2022, 10:25
ދެ ހަފުތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ވިލިމާލޭ ހޮސްޕިޓަލުގައި އަލުން ވެކްސިން ދޭން ފަށައިފިއެވެ.
ވިލިމާލޭ ހޮސްޕިޓަލުގެ ކަންތައްތައް ބަލަހައްޓާ އައިޖީއެމްއެޗުން ރޭ ނެރުނު ބަޔާނެއްގައި ވަނީ މިއަދު ވިލިމީލޭގައި ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.
"ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާ އެއް ގޮތަށް އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން އަށެއް ޖޫން 2022 އިން ފެށިގެން ވެކްސިން ދިނުން ފަށާނެކަން މައުލޫމާތަށްޓަކައި ދަންނަވަން،" އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.
ވިލިމާލޭ ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ އެ ހޮސްޕިޓަލުގައި ދެން ކޮންމެ ބުދަ ދުވަހެއްގެ 09:00އިން ފެށިގެން 12:00އަށް ވެކްސިން ދިނުން ކުރިއަށްދާނެ ކަމަށެވެ.
ވިލިމާލޭގައި ވެކްސިން ޖެހުން މެދުކަނޑާލީ މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ކުޑަކުއްޖަކަށް ޖެހި މައްސަލައަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އައިޖީއެމްއެޗުން ވަނީ އެ މައްސަލައާ ގުޅުންހުރި މުވައްޒަފުން ސަސްޕެންޑުކޮށްފައެވެ.
މުއްދަތު ހަމަވެފައިވާ ވެކްސިންގެ ފޮޓޯއަކާއެކު އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައީ ވިލިމާލޭ ދާއިރާގެ މެންބަރު އަޙުމަދު އުޝާމެވެ.
ޓުވިޓާގައި އޭނާ ހިއްސާކުރެއްވި ފޮޓޯއިން ފެންނަ ފުޅީގައި ވެކްސިން އުފެއްދި ތާރީޚުގެ ގޮތުގައި އޮތީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. މުއްދަތު ހަމަވާ ތާރީޚަކަށް އޮތީ މި އަހަރުގެ ޖެނުއަރީ މަހެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ވެކްސިނެއްކަން އެ ފޮޓޯއިން ސާފެއް ނުވެއެވެ.
ދެހާސް އަށާރަ ވަނަ އަހަރު ވެސް ވިލިމާލޭ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައިވާ ވެކްސިނެއް ޖެހި ކަމަށް ބުނާ މައްސަލައެއް، 2019 ވަނަ އަހަރުގެ ތެރޭގައި އައިޖޭއެމްއެޗްގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އަދި އެޗްޕީއޭއާ ގުޅިގެން އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ މީހުންނަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިވާނެ ކަމަށް އައިޖީއެމްއެޗުން އޭރު ވަނީ ބުނެފައެވެ.