08 Jun 2022, 12:55
ވިނަރެސް ފްލެޓަށް ކުރިމަތި ލެވޭނީ އާމްދަނީގެ ގޮތުގައި މަހަކު 61،000 ރުފިޔާއަށް ވުރެން ދަށުން މުސާރަ ލިބޭ މީހުންނަށް ކަމަށް ޕްލޭނިން މިނިސްޓްރީން ރޭ ބުނެފިއެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިންގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ވިދާޅުވީ ފްލެޓަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ވަކި މިންވަރަކުން ދަށުގެ އާމްދަނީއެއް ކަނޑައެޅީ، މާލީ ހާލަތަށް ބަލާއިރު، ހައްގު ފަރާތްތަކަށް ފްލެޓް ލިބޭކަން ޔަގީންކުރުމަށް ކަމަށެވެ.
އެ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ސީނިއާ ސޭލްސް އޮފިސަރު އާމިނަތު ފަނަން ހަބީބް ވިދާޅުވީ ފްލެޓަށް ކުރިމަތިލާ މީހުންގެ މާލީ ފެންވަރު ބެލުމުގައި ބަލާނީ އެ މީހަކު ފްލެޓަށް ފައިސާ ދެއްކުމަށް އިހްތިޔާރު ކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.
އެގޮތުން ބޭންކެއް ނުވަތަ މާލީ އިދާރާއެއްގެ ސްކީމެއް މެދުވެރިކޮށް ފައިސާ ދައްކާނަމަ، މާލީ ފެންވަރު ބަލާނީ އެ އިދާރާ ތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
ވިނަރެސް ފްލެޓްތައް --- ސަން ފޮޓޯ/ ނާއިލް ހުސައިން
އެޗްޑީސީގެ ޕޭމަންޓް މެތަޑް ޚިޔާރުކުރާ މީހެއްނަމަ ބަލާނީ މަހުން މަހަށް ދައްކަންޖެހޭ ކުލި ދެއްކޭވަރުގެ ތަނަވަސްކަން ހުރި މީހެއްތޯއެވެ. އެކަން ކުރުމަށް އެޗްޑީސީއަށް އާމްދަނީއާ ގުޅޭ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހޭނެކަމަށް ފަނަން ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ހިމެނޭނީ މުސާރައިގެ ގޮތުގަ ލިބޭ އާމްދަނީ ހެކިކޮށްދޭ ލިޔެކިޔުންތައް. ކުލީގެ ގޮތުގަ ލިބޭ އާމުދަނީ އެއީ ވިޔަފާރި، ކޮމްޕެނީ ޕާޓްނާޝިޕް. ފްރީލާންސް ގޮތުގަ މަސައްކަތްކޮށްގެން ލިބޭ އާމުދަނީވެސް މިކޮޅުން ބަލާނެ." އޭނާ ވިދާޅުވިއެވެ.
މި ޑޮކިއުމަންޓްތައް ބެލުމަށްފަހު، ކުލި ދެެއްކޭ ވަރުގެ ގާބިލްކަން ހުރި މީހެއް ކަމަށް ބަލާނީ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށްވުރެ، ވިނަރެސް ފްލެޓަށް ދައްކަންޖެހޭ ކުލި އަދި އެހެނިހެން ލޯނުތަކުގެ ޖުމްލަ އަދަދު ކުޑަނަމައެވެ.
"މިސާލަކަށް އަޅުގަނޑު މަހުން މަހަށް ދައްކަން މި ޖެހެނީ 20،000 ވިނަރެސްގެ ޕްރޮޖެކްޓަށް. މި ވިހިހާސް އިނދެފަ ސްޓޫޑަންޓް ލޯނެއް އިނިއްޔޯ 5000 ރުފިޔާގެ. އެހެންވިއްޔާ އަޅުގަނޑުގެ ޑެބްޓް ޕޯޝަންއަކީ 25،000. އަޅުގަނޑަށް ލިބޭ ޓޯޓަލް އިންކަމްގެ 50 ޕަސަންޓަށްވުރެ ދަށް އަދަދަކަށް މި އަދަދުވެގެން އަޅުގަނޑު އެލިޖިބަލް ވާނީ." އޭނާ ވިދާޅުވިއެވެ.
ވިނަރެސް ފްލެޓްތައް --- ސަން ފޮޓޯ/ ނާއިލް ހުސައިން
އޭނާ ވިދާޅުވީ އެ ޝަރުތުތައް ފުރިހަމަ ނުވާ ނަމަ، އިތުރު ބައިވެރިއެއްގެ އާމްދަނީ، ކުލި ދެއްކުމުގައި ހިމެނިދާނެ ކަމަށެވެ.
"އެބޭފުޅާ ވެސް ޖެހޭނެ (ފްލެޓަށް ކުރިމަތިލުމުގެ) ޝަރުތުތައް ފުރިހަމަވާން. އެބޭފުޅާގެ ވެސް އޮވެގެން ނުވާނެ މާލޭގަ 600އަކަފޫޓަށްވުރެ ބޮޑު ބޯހިޔާވަހި ކަމެއް. އަދި ކުރިން ލިބިފައޮތް ބޯހިޔާވަހި ކަމެއް ވިއްކާލާފައިވާ ފަރާތަކަށް ވެސް ވެގެން ނުވާނެ." އޭނާ ވިދާޅުވިއެވެ.
މިފަދަ ބައިވެރިއެއްގެ ގޮތުގައި ޚިޔާރުކުރެވޭނީ މައިންބަފައިން، އަނބިމީހާ ނުވަތަ ފިރިމީހާ، އެއްބަނޑުއެއްބަފާ މީހުން އަދި ދަރިންކަމަށް ފަނަން ވިދާޅުވިއެވެ.
ވިނަރެސް މަޝްރޫޢުގެ ދަށުން ޖުމްލަ 1344 އެޕާޓްމެންޓް ހިމެނޭގޮތަށް 10 ޓަވަރު އިމާރާތް ކުރެވިފައިވެއެވެ. އެ ފްލެޓުތައް ބަލައިލުމުގެ ފުރުސަތު އާންމުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.