24 Mar 2012, 09:49
ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާ ހިނގަމުން ދިޔަ ވަގުތު ރައީސުޖްމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް އެމްޑީޕީ އިން ކުރި މުޒާހަރާގައި ހިނިގި ހަމަނުޖެހުންތަކުގައި ކުރިން ކޯޓުން މުއްދަތު އިތުރުކުރި މީހުންގެ ތެރެއިން 12 މީހެއްގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ކޯޓުން ކުރިން މުއްދަތު ޖަހައިދިން މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހުގެ ރޭ ކޯޓަށް ހާޒިރުކުރުމުން އޭގެތެރެއިން 13 މީހަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި 12 މީހެއްގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެވެ. ފުލުހުން ބުނީ އެ ދެ ކުދިންގެ ތަހުގީގު ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބައެއް މީހުން ކޯޓުން ދޫކޮށްލި ނަމަވެސް އެ މީހުންގެ
ތަހުގީގުތައް ކުރިއަށްދާ ކަމަށާއި ތަހުގީގު ނިމުމުން ލަސްނުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.
ފުލުހުން ބުނީ އެ ދުވަހުގެ ހަމަނުޖެހުންތަކުގައި ވީޓީވީގެ އިމާރާތައް ގެއްލުން ދިން މައްސަލަ ވެސް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި ތަހުގީގު ކުރިއަށް ދާތީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތަފްސީލު ދެވެން ނެތް ކަމަށެވެ.
ވީޓީވީ އިން ބުނީ އެ ސްޓޭޝަނަށް ހަމަލާދިން އިރު ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކުން ހަމަލާދިނީ ކޮން ބައެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެ ވީޑިއޯތައް ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.