07 Jun 2022, 17:33
ވޮޝިންޓަން (7 ޖޫން 2022): އުތުރުކޮރެއާ އިން ނިއުކްލިއާ އިތުރު ތަޖުރިބާއެއް ނުކުރުމަށް އެމެރިކާއިން އިންޒާރު ކޮށްފިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުގެ ދުރުއިރުމައްޗާބެހޭ އެހީތެރިޔާ ވެންޑީ ޝާމަން އުތުރުކޮރެއާއަށް އިންޒާރު ދެއްވަމުން ވިދާޅުވީ އުތުރުކޮރެއާ އިން ނިއުކްލިއާ އިތުރު ތަޖުރިބާއެއްކޮށްފިނަމަ އެކަމަށް އެމެރިކާއިން ރައްދު ދޭނެކަމުގައެވެ. ނަމަވެސް އެއީ އެމެރިކާއިން އުތުރުކޮރެއާއަށް ސީދާގޮތެއްގައި ހަމަލާދިނުންކަން ނޫނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުންކަން ޝާމަން ސީދާ ގޮތެއްގައި ސާފުކޮށް ދެއްވާފައެއް ނުވެއެވެ.
އެމެރިކާއަކީ އުތުރުކޮރެއާއާއި ޗައިނާ އަދި ރަޝިއާފަދަ ނިއުކްލިޔާ ބާރުތަކަށް ހަރުކަށި އިންޒާރުތައް ދިނުމަށްފަހު ފަހުން އެކަން ތަންފީޒުކުރަން ނުކެރި ފަހުން މަސްރަހު ފިނިކުރަން މަސައްކަތް ކުރުމުގެ ދިގު ތާރީޚެއް އޮތްގައުމެކެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި މިފަދަ އިންޒާރުތަކެއް ސީދާ ޓްރަމްޕް އުތުރުކޮރެއާއަށް ދެއްވިއެވެ. އަދި އިންޒާރު ދެއްވުމަށްފަހު ޓްރަމްޕްވަނީ އުތުރުކޮރެއާއަށް ބިރުދެއްކުމަށާއި އަދި ޓްރަމްޕްގެ އެ އިންޒާރަކީ ހަގީގީ އެއްޗެއްކަން ދެއްކުމަށް އެމެރިކާގެ ގިނަ އަދަދެއްގެ އަސްކަރީ މަނަވަރުތައްވެސް އުތުރުކޮރެއާގެ އައްސޭރިފަށާ ދިމާއަށް ފޮނުއްވާފައެވެ.
ނަމަވެސް މި މަނަވަރުތައް އުތުރުކޮރެއާ ގާތްވުމުގެ ކުރިން ޓްރަމްޕްވަނީ އޭނާގެ ހަރުކަށި ރާގު މުޅިން ބަދަލުކުރައްވައި އުތުރުކޮރެއާ ސުލްހައިގެ ވާހަކަތައް ދައްކަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ފަހުން މަސްރަހު ފިނިކުރައްވާފައެވެ. އަދި އެންމެފަހުން ޓްރަމްޕްވަނީ ތިން ފަހަރެއްގެ މަތިން އުތުރުކޮރެއާގެ ޒައީމް ކިމް ޖޮންގް އުން އާ ބައްދަލުކުރައްވައި ސުލްހައިގެ ވާހަކަތައްވެސް ދައްކަވާފައެވެ. ނަމަވެސް މިވާހަކަތަކުން ގާއިމްވި ސުލްހައެއް ނެތެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން މިދިޔަ މޭމަހުގެ ފަހުކޮޅުގައިވަނީ ޗައިނާ ބާރުގެ ބޭނުންކޮށްގެން އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ތައިވާން ގެންދަން މަސައްކަތްކޮށްފިނަމަ ތައިވާންގެ ދިފާއުގައި އެމެރިކާ އަސްކަރީ ގޮތުން ޗައިނާއާ ދެކޮޅަށް ތެދުވާނެކަމަށް ވިދާޅުވެ ޗައިނާއަށް ހަރުކަށި އިންޒާރެއް ދެއްވާފައެވެ.
ނަމަވެސް ޗައިނާއަށް މިގޮތަށް އިންޒާރު ދެއްވުމަށްފަހު ބައިޑެންވަނީ ޗައިނާއާ އަސްކަރީގޮތުން ކުރިމަތިލާން އެމެރިކާ ބޭނުންނުވާކަމަށް ފަހުން ވިދާޅުވެފައެވެ. އަދި ތައިވާންގެ މައްސަލާގައި ޒަމާނުއްސުރެ އެމެރިކާ ގެންގުޅޭ ސިޔާސަތު ބަދަލުނުވާކަމާއި ކުރިއެކޭވެސް އެއްގޮތަށް އެމެރިކާ ތާއީދު ކުރަނީ އަދި ކުރާނީވެސް އެއްޗައިނާގެ ސިޔާސަތަށް ކަމަށް ވިދާޅުވެ ބައިޑެންވަނީ މަސްރަހު ފިނިކުރަން ފަހުން މަސައްކަތް ކުރައްވާފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުގެ ދުރުއިރުމައްޗާބެހޭ އެހީތެރިޔާ ވެންޑީ ޝާމަން މިހާރު އުޅުއްވަނީ އުތުރުކޮރެއާ ބެހޭގޮތުން ދެކުނު ކޮރެއާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށްޓަކައި ދެކުނުކޮރެއާއަށް ކުރައްވާ ދަތުރުފުޅެއްގައެވެ. އޭނާ މިމޭރުމުން ބަޔާން ދެއްވާފައިވަނީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައެވެ.
އުތުރުކޮރެއާ އަށް އަމާޒު ކުރައްވައި ޝާމަން ވިދާޅުވީ އުތުރުކޮރެއާއިން ނިއުކްލިޔާ އިތުރު ހަތިޔާރެއް ޓެސްޓްކޮށްފިނަމަ އަވަސް ގޮތެއްގައި ފުރިހަމަ ބާރާއެކު އެމެރިކާ އެކަމަށް ރައްދު ދޭނެއެވެ. ނަމަވެސް އެންމެފަހުން ޝާމަން ބޭނުންކުރެއްވި އިބާރާތުގައި އޭނާ ވިދާޅުވީ މި ރައްދު ދޭނީ އެމެރިކާއާއި ދެކުނު ކޮރެއާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތައްވެސް ގުޅިގެން ކަމުގައެވެ. އެހެންކަމުން މިއީ ޝާމަން ކުރިން އިޝާރާތް ކުރެއްވިފަދަ އަސްކަރީ ރައްދެއް ނޫންކަމާއި ޑިޕްލޮމެޓިކް ރައްދެއްކަމަށްވަނީ ބެލެވިފައެވެ.
އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން މީގެ ދެދުވަސްކުރިންވަނީ އަށް މިސައިލެއް ތަޖުރިބާކޮށްފައެވެ. މިއީ އުތުރުކޮރެއާއިން ދާދިފަހުން ތަޖުރިބާކުރި މިސައިލްތަކަކަށް ރައްދު ދިނުންކަމަށް އެމެރިކާ ބުނެފައިވެއެވެ.
އެމެރިކާ މީގެ ދިހަވަރަކަށް ދުވަސްކުރިންވަނީ އދ. ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އުތުރުކޮރެއާ ދެކޮޅަށް ހަރުކަށި ގަރާރެއް ފާސްކުރުމަށް ނާކާމިޔާބު މަސައްކަތް ތަކެއްކޮށްފައެވެ. އެމެރިކާއިން ފާސްކުރަން މަސައްކަތްކުރި މި ގަރާރާ ދެކޮޅަށް ޗައިނާއާއި ރަޝިއާ ގުޅިގެންވަނީ ވީޓޯގެ ބޭނުންކޮށް ގަރާރު ބާތިލް ކޮށްލާފައެވެ.