07 Jun 2022, 16:42
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކުށްވެރި ކޮށްފިއެވެ.
އެމްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރަސޫލާއަށް ފުރައްސާރަކޮށް، އެކަލޭގެފާނަށް ހުތުރުވާގޮތަށް ބީޖޭޕީގެ އިސް ދެ އޮފިޝަލުން ދެއްކި ވާހަކަ އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އެކަމުގައި މުޅި މުސްލިމް އުއްމަތުގެ ކިބައިން މައާފަށް އެދުމަށް ގޮވާލައި އެމްޑީއޭއިން ބުނީ އެފަދަ ނޭއްގާނީ އަމަލުތައް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދިނުމަށް ބީޖޭޕީއަށް ގޮވާލާ ކަމަށެެވެ.
"ކީރިތި ރަސޫލާއަކީ މާތްﷲ މި ބިންމައްޗަށް ފޮނުއްވި އެންމެ މާތް، އެންމެ ޠާހިރު އިންސާނާ ކަމުގައި ވީހިނދު، އެކަލޭގެފާނަށް ފުރައްސާރަ ކުރުމުގެ ގޮތުން ކުރެވޭ ކޮންމެ އަމަލަކީ، އަޅުގަނޑުމެން މުސްލިމުންގެ ހިތާއި ރޫހާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް،" އެމްޑީއޭގެ ބަޔާނުގައިވެއެވެ.
އެމްޑީއޭއިން އެކަން ކުށްވެރިކޮށް ނޫސްބަޔާން ނެރެފައިވާއިރު އެ ޕާޓީގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވެސް ވަނީ ބީޖޭޕީގެ އޮފިޝަލުން ދެއްކި ވާހަކަ ކުށްވެރި ކުރައްވާފައެވެ.
ސިޔާމް ވިދާޅުވީ އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން އެއްވެސް މީހަކަށް ދީގެން ނުވާނެ ކަމަށެވެ. އަދި ދީނާ މެދު ނަފްރަތު ފަތުރާ މީހުންގެ އެފަދަ ވާހަކަތައް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިޔާމް ވިދާޅުވިއެވެ.
ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަ ކުރުމުން ދިވެހި ސަރުކާރުންވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އިދިކޮޅު ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އިލްމުވެރިންގެ ގުޅުމުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
މީގެ އިތުރުން ދުނިޔޭގެ މުސްލިމު އެހެން ގައުމުތަކުން ވެސް ވަނީ މިކަން ކުށްވެރިކޮށް ނުރުހުން ފާޅުކޮށްފައެވެ. އަދި ބައެއް އަރަބި ގައުމުތަކުގެ ސަރުކާރުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން ހާޒިރުކޮށް، އެ މައްސަލާގައި އިންޑިއާއިން މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައެވެ.