ވޮޝިންޓަން (7 ޖޫން 2022): ދުނިޔޭގައި މިހާތަނަށް ބަންނަ މަތިންދާބޯޓު އުފުލާ އެންމެ ބިޔަ މަނަވަރު ބަނުމުގެ މަސައްކަތް ނިންމައި އެ މަނަވަރު ބާލަން ތައްޔާރު ވެއްޖެއެވެ.

ޗައިނާއިން ބިނާކުރާ މިބިޔަ މަނަވަރަކީ އެމެރިކާ ސިފައިން ބޭނުންކުރާ މަތިންދާބޯޓު އުފުލާ އެންމެ ޒަމާނީ މަނަވަރުތަކަށް ވުރެވެސް ހުރިހާ ގޮތަކުންވެސް ފެންވަރު ރަނގަޅު އެއަށްވުރެ ގިނަ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ފަސޭހަތައް ލިބޭގޮތަށް ފަރުމާކޮށްފައިވާ މަނަވަރެއްކަމަށް އެސޯސިއޭޓެޑް ޕްރެސް ބުނެއެވެ.

އެމެރިކާގެ ޕަބްލިކް އާތް އިމޭޖިން ކުންފުންޏެއް ކަމަށްވާ ޕްލެނެޓް ލެބްސްގެ ސެޓަލައިޓް ބޭނުންކޮށްގެން އެކުންފުނިން ނަގާފައިވާ ޗައިނާގެ މި މަނަވަރުގެ ފޮޓޯތަކާއި އޭގެ ތަހުލީލުތަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނާގޮތުން ޗައިނާގެ މިމަނަވަރަކީ ޚުދު އެމެރިކާގެ އަސްކަރިއްޔާ ހައިރާން ކޮށްލާފަދަ މޮޅު އަދި އަސްކަރީގޮތުން ގާބިލް މަނަވަރަކަށް ވާނެއެވެ.

މިމަނަވަރާބެހޭ މާގިނަ މައުލޫމާތެއް ޗައިނާއިން ހާމަކޮށްފައިނުވާއިރު ޗައިނާގެ ކުރިއަރަމުންދާ އަސްކަރީ ސިނާއަތުގެ ގާބިލްކަމާއި ޗައިނާއާ ވާދަކުރުމަކީ މަދަނީ ޓެކްނޮލޮޖީގެ އިތުރުން އަސްކަރީ ޓެކްނޮލޮޖީގައިވެސް އެމެރިކާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަމުގެ އިހުސާސް އެމެރިކާ ކުރަން ފަށައިފި ކަމަށް ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ބައިނަލްއަގްވާމީ މަރުކަޒުން ނެރެފައިވާ ރިޕޯޓެއް ބުނެއެވެ.

ޗައިނާގެ މި މަނަވަރު ބަންނަމުން ގެންދަނީ އެގައުމުގެ ޖިޔާންގްނަންގައި ހުންނަ ބޯޓު ބަންނަ ޝިޕްޔާޑުގައެވެ. ޗައިނާގައި މިހާރުވެސް މަތިންދާބޯޓު އުފުލާ ދެމަނަވަރު އޮވެއެވެ. މިބާވަތުގެ އަސްކަރީ މަނަވަރުތައް އެންމެ ގިނައީ އެމެރިކާގައެވެ. ނަމަވެސް އެމެރިކާގެ މިބާވަތުގެ ގިނަ މަނަވަރުތަކަކީ ޒަމާންވީ ބައު މަނަވަރުތަކެވެ.

ދުނިޔޭގެ ޓެކްނޮލޮޖީއާއި ސިނާއަތުގެ ބޮޑުބައި އެމެރިކާއާއި ޔޫރަޕުން އޭޝިއާއަށް ބަދަލުވަމުންދާއިރު އޭޝިއާގައި ޓެކްނޮލޮޖީއާއި ސިނާއަތުގެ މައި މަރުކަޒަކަށް ވެގެންދާނީ ޗައިނާކަމަށްވެސް ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ބައިނަލްއަގްވާމީ މަރުކަޒުން ދެކެއެވެ.

ޗައިނާ ގެންދަނީ އަހަރުން އަހަރަށް އެގައުމުގެ އިގްތިސާދު ފުޅާވަމުންދާ ވަރަށް ރިއާޔަތްކޮށް އަސްކަރީ ބަޖެޓް ބޮޑުކޮށް އަސްކަރީ ދާއިރާ ފުޅާކޮށް ހަތިޔާރުވެސް ތަރައްގީ ކުރަމުންނެވެ. ނަމަވެސް ޗައިނާގެ މިބާވަތުގެ ކަންތައްތަކުގެ މާގިނަ މައުލޫމާތެއް އެގައުމުން ހާމައެއް ނުކުރެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ދާދިފަހުން ވިދާޅުވެފައިވާގޮތުގައި ދެވަނަ ބޮޑުހަނގުރާމައަށްފަހު އެމެރިކާ އިސްކޮށް އޮވެގެން ދުނިޔޭގައި ގާއިމްކޮށްފައިވާ ބައިނަލްއަގްވާމީ ނިޒާމަށް ބަދަލު ގެނެވޭވަރުގެ ގާބިލްކަމާއި ނުފޫޒާއި އިގްތިސާދީ އަސްކަރީ އަދި ޓެކްނޮލޮޖީގެ ބާރުވެރިކަން ހުރި ހަމައެކަނި ގައުމަކީ ޗައިނާއެވެ. އެހެންކަމުން ޗައިނާއާއެކު ކުރިމަތިލުމަކަށް ދާން އެމެރިކާ ބޭނުންނުވާކަން ބްލިންކެން ވަނީ ހާމަކުރައްވާފައެވެ.

ބްލިންކެން މިހެން ވިދާޅުވެފައިވަނީ ޗައިނާ ބާރުގެ ބޭނުންކޮށްގެން އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ތައިވާން ގެންދަން މަސައްކަތްކޮށްފިނަމަ ތައިވާންގެ ދިފާއުގައި އެމެރިކާ އަސްކަރީ ގޮތުން ޗައިނާއާ ދެކޮޅަށް ތެދުވާނެކަމަށް ވިދާޅުވެ ދާދިފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވި ބަޔާނަކަ ގުޅިގެން ހޫނުވި އެމެރިކާއާއި ޗައިނާގެ މަސްރަހު ފިނިކުރުމުގެ ގޮތުންނެވެ.

ޗައިނާއަށް މިގޮތަށް އިންޒާރު ދެއްވުމަށްފަހު ޚުދު ބައިޑެންވެސްވަނީ ޗައިނާއާ އަސްކަރީގޮތުން ކުރިމަތިލާން އެމެރިކާ ބޭނުންނުވާކަމަށް ފަހުން ވިދާޅުވެފައެވެ. އަދި ތައިވާންގެ މައްސަލާގައި ޒަމާނުއްސުރެ އެމެރިކާ ގެންގުޅޭ ސިޔާސަތު ބަދަލުނުވާކަމާއި ކުރިއެކޭވެސް އެއްގޮތަށް އެމެރިކާ ތާއީދު ކުރަނީ އެއްޗައިނާގެ ސިޔާސަތަށް ކަމަށް ވިދާޅުވެ ފަހުން ބައިޑެންވެސްވަނީ މަސްރަހު ފިނިކުރަން މަސައްކަތް ކުރައްވާފައެވެ.