މަނީ ލޯންޑަރިންގެ މައްސަލައެއްގެ ތުހުމަތު ކުރެވޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މީޑިއާ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހުބާން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކުރައްވައި އެއީ ސިޔާސީ ބޭނުމެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ.

ޝަހުބާން އެމްއެމްސީގެ ރައީސްކަމާ ހަވާލުވި ދުވަހުން ފެށިގެން ވެސް އޭނާގެ މަގާމަށް ދަހިވެތިވެފައި ތިބި ބަޔަކު ތިބި ކަމަށާއި އޭނާ މަގާމުން ވަކިކުރަން މީގެ ކުރިން ވެސް ބައެއް މެންބަރުން މަސައްކަތްކޮށްފައިވާ ކަމަށް ޝަހުބާން ވިދާޅުވިއެވެ.

"އެމްއެމްސީގެ ދަތުރަކީ ފަސޭހަ ދަތުރެއް ނޫން. އެތައް ފަހަރެއްގެ މަތިން އެތައް ގޮންޖެހުންތަކެއް ކުރިމަތިވެ އަޅުގަނޑު ރައީސް ކަމުން ދުރުކުރަން އުޅޭތާ ކިތަންމެ ދުވަހެއް. މިއީ އައު ކަމެއް ނޫން،" ޝަހުބާން ވިދާޅުވިއެވެ.

ރާއްޖޭގެ މީޑިއާއަށާއި ނޫސްވެރިންނަށް ގެއްލުން ލިބޭ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ގާނޫނު އަސާސީއަށް އަބަދުވެސް ހުރުމަތްތެރިކޮށް ހިތައިގެން މަސައްކަތްކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، އެންމެ ފުރަތަމަ މަގާމާ ހަވާލުވެގެން މިއަދާ ހިސާބަށް އައިއިރު އެއެމްސީއަށް ވެސް އައިސްފައިވާނީ ރަނގަޅު ބަދަލުތަކެއް ކަމަށް ޝަހުބާން ވިދާޅުވިއެވެ. އަދި ގާބިލިއްޔަތުކަން ހުރި މިންވަރަކުން އަބަދުވެސް އެމްއެމްސީއަށާއި މީޑިއާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭން މަސައްކަތްކޮށް، ނޫސްވެރިންނާ ގުޅިގެން މަސައްކަތް ކުރުމުގެ މަގުތައް ތަނަވަސް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަދަލު ފާހަގަވާނެ. މީގެ ކުރިން އެމްއެމްސީގަ ނުކުރާ ކިތަންމެ ކަމެއް ކިތަންމެ ގޮތަަކަށް އަޅުގަނޑު އައި ފަހުން ކުރެވިފަ ހުންނާނެ. ނޫސްވެރިންނާ އެކު އެމްއެމްސީގެ ވަޓްސް އަަޕް ގުރޫޕެއްވެސް ހެދީ އަޅުގަނޑު މަގާމާ ހަވާލުވިފަހުން. އެއީ ނޫސްވެރިންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން،" ޝަހުބާން ވިދާޅުވިއެވެ.

ރަނގަޅު ބަދަލުތަކެއް އައި ނަމަވެސް މަގާމަށް ދަހިވެތިވެފަ ތިބި މެންބަރުންތަކެއް ތިބި ތަނެއްގައި އެކަން ބަލައިނުގަންނާނެ ކަމަށްވެސް ޝަހުބާން ވިދާޅުވިއެވެ. އަދި ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކައިގެން އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގިޔަސް އެކަމަށް ފަރުވާލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހުބާން ވިދާޅުވީ އިސް މަގާމެއްގައި ހުރި މީހަކަށް ތުހުމަތެއް ކުރެވުމަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމެއް ނޫން ކަމަށެވެ. އަދި އޭނާ މަގާމުން ވަކި ކުރަން އުޅޭ ބަޔަކު އެކަން އެގޮތަށް ގަބޫލު ކޮށްފާނެ ކަމަށާއި ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

"މަގާމުން ވަކި ކުރަން ޖެހޭ ފަދަ ކަމެއް ނުކުރަން. އަޅުގަނޑުގެ ކުންފުންޏާ ގުޅުވައިގެން ދައްކާ ހުރިހާ ވާހަކައަކީ ސިޔާސީ މަންފާއަށް ދައްކަ ވާހަކަ. އެ ހުރިހާ ތުހުމަތަކުން އަޅުގަނޑު ބަރީޢަ ވަން،" ޝަހުބާން ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުތަކާ ގުޅިގެން މިހާރު މަގުމައްޗަށް ނުކުމެ އުޅެން އުނދަގޫ ކަމަށާއި އަމިއްލަ ނަފްސުގެ ރައްކާތެރިކަން އޮތް ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަނބިދަރީން ގޮވައިގެން މަގުމައްޗަށް ނިކުތީމަ ވަގަށް ގޮވާ. މަލާމަތް ކުރޭ. ފުރައްސާރަކުރޭ. މިއީ ދެރަވަރު ކަންކަން. ބަލައިނުގަނެވޭނެ ކަންކަން،" އޭނާ ވިދާޅުވިއެވެ.

އަބަދުވެސް މީޑިއާ ކައުސިލަށާއި ނޫސްވެރިންނަށް އެދެނީ ފާގަތި ދުވަސްތަކެއް ކަމަށާއި އަބަދުވެސް ވީ ވަރަކުން ދާއިރާއަށް އެހީވާނެ ކަމަށް ޝަހުބާން ވިދާޅުވިއެވެ. ނަމަވެސް އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭތީއާއި މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްއެމްސީގެ މަގާމުން އޭނާ އިސްތިއުފާ ދިނުން ކަމުގައި ގަބޫލު ކުރައްވާ ކަމަށް ޝަހުބާން ވިދާޅުވިއެވެ.

"ނަފްސުގެ ރައްކާތެރިކަަމަށް އަދި މުޅި މީޑިއާ އާއި އެމްއެމްސީ އަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު އިސްތިއުފާ ދިނުން ކަމުގައި ވާތީ މިއަދުގެ 13:39 އިން ފެށިގެން އެމްއެމްސީގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" ޝަހުބާން ވިދާޅުވިއެވެ.

އެމްއެމްސީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދޭން ނިންމީ އެއްވެސް ހާލަތެއްގައި ކުރެވުނު ތުހުމަތުތަކުގެ ސަބަބުން ނޫންކަމަށް ޝަހުބާން ވިދާޅުވިއެވެ.

"މީޑިއާ ކައުންސިލުގެ ބައްދަލުވުންތައް ބޭއްވޭން މަގެއްވެސް ނެތް. މަގާމަށް ދަހިވެތިވަފަ ތިބި އެހެން މެންބަރުން ބޭނުމެއް ނުވޭ އަޅުގަނޑު ރައީސް ކަމަށް ހުރީމަ އެމްއެމްސީގަ ކުރަން ޖެހޭ އެއްވެސް ކަމެއް ކުރާކަށް. އަޅުގަނޑު އެގޮތެއް ބޭނުމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އެމްއެމްސީގެ ކުރިއެރުމަށް އަބަދުވެސް ސަމާލުކަން ދޭނެކަމަށާއި މިވަގުތަށް އެންމެ މުހިންމީ ނަފްސުގެ ރައްކާތެރިކަން ކަމަށް އޭނާ ވިދާޅުވިއެވެ. މަގާމުން އިސްތިއުފާ ދޭން ނިންމި އިތުރު އެއްވެސް ސަބަބެއް ނެތްކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޝަހުބާން އެމްއެމްސީގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އެ ކައުންސިލުގެ މެންބަރުންގެ މެދުގައި އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ދެ ފަހަރު ނެގި ފަހުންނެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ވޯޓު ނުލިބުމުގެ ސަބަބުން ދެ ފަހަރު ވެސް އޭނާ މަގާމުން ވަކިކުރެވޭ ވަރެއް ނުވިއެވެ.

މީގެ އިތުރުން ކައުންސިލް ރައީސްގެ މަގާމުން ޝަހުބާން އިސްތިއުފާ ދިނުމަށް ގޮވާލައި އެމްއެމްސީގެ ނުވަ މެންބަރުންގެ ސޮޔާއެކު ގަރާރެއް ވެސް ވަނީ ނެރެފައެވެ.

އެގަރާރުގައި ވަނީ ދިވެހި މީޑިއާގެ އަޚްލާގީ ހަމަތައް ކަނޑައަޅައި އަދި މީޑިއާގެ ބެލެނިވެރި މުއައްސަސާއެއްގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކަށް އެފަދަ ތުހުމަތުތަކެއް ކުރެވުމަކީ މުއައްސަސާގެ އަގު ހިފެހެއްޓުމުގެ ގޮތުން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އެ ކައުންސިލުގެ އަޣުލަބިއްޔަތު މެންބަރުން ގަބޫލުކުރާ ކަމަށެވެ.

ޝަހުބާންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފައި ވަނީ އޭނާގެ ބޭބެ އަލްހާން ފަހުމީ "ކިންގްސް ފޮރެކްސް ޓްރޭޑިން" ކިޔާ ކުންފުންޏެއް މެދުވެރިކޮށް އާންމުންގެ އަތުން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތު ކުރެވޭތީ، އެ މައްސަލައިގައެވެ. ޝަހުބާންއަކީ އެ ކުންފުނީގެ ހިއްސާދާރެކެވެ.

މި މައްސަލައާ ގުޅިގެން ޝަހުބާންއާއި އަލްހާން ވެސް ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ.