ވޮޝިންޓަން (މާޗް 24) : އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ވޯލްޑް ބޭންކް ގެ ރައީސް ކަމުގެ މަޤާމަށް އެމެރިކާގެ ޝަޚްސިއްޔަތެއް ކަމަށްވާ ޖިމް ޔޮން ކިމް ގެ ނަންހުށަހަޅުއްވައިފިއެވެ.

ދެކުނު ކޮރެޔާގެ ނަސްލުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖިމްއަކީ އެންތްރޮޕޮލޮޖީގެ ދާއިރާއިން އެމެރިކާގެ ހަވަޑް ޔުނިވަރސިޓީން ޕީއެޗްދީ ޙާސިލްކުރައްވައި ޑަބްލިޔޫއެޗްއޯ ގައި އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ޑިޕާޓްމަންޓްގައި ދިގުމުއްދަތަކަށް ޚިދްމަތްކުރައްވާފައިވާ ތަޖްރިބާކާރެކެވެ. އޮބާމާ ވިދާޅުވީ ވޯލްޑް ބޭންކްގެ ރައީސް ކަމަށް ޖިމް ވަރުގެ ޝަޚްސިއްޔަތެއް ނުލިބޭނެ ކަމަށެވެ.

ވޯލްޑް ބޭންކްގެ ރައީސް ކަމަށް އެމެރިކާ ފިޔަވައި އިޤްތިސާދީ ބާރުތައް ކަމަށްވާ ބްރިކްސް ގެ ޤައުމުތަކުންވެސް ގެންދަނީ ކެންޑިޑޭޓުން ހުށަހަޅަމުންނެވެ. މިގޮތުން ދެކުނު އެފްރިކާއިން ނައިޖީރިޔާގެ މާލީ ވަޒީރާ ނޮގޮޒޫ އޮކަންޖޫ ގެ ނަން ހުށަހަޅާފައިވާއިރު ދުނިޔޭގެ އިޤްތިސާދީ ހަވަނަ ބާރުކަމަށްވާ ބްރެޒިލްއިންވަނީ ކޮލަމްބިޔާގެ ކުރީގެ މާލީ ވަޒީރު ޚޮސޭ އެންތޯނިޔޯގެ ނަންހުށަހަޅަން ގަސްދުކުރާކަން ހާމަކޮށްފަ އެވެ. މިދެބޭފުޅުންނަކީ މާލީ އަދި އިޤްތިސާދީ ދާއިރާގެ ވަރަށް ފުންނާބު އުސް ދެ ތަޖްރިބާކާރުންނެވެ.

ރަޝިޔާއިންވަނީ އެމެރިކާގެ ކެންޑިޑޭޓް ނޫން ކޮންމެ ކެންޑިޑޭޓަކަށްވެސް ތާއީދުކުރާނެކަން ހާމަކޮށްފައެވެ. ވޯލްޑް ބޭންކް އުފެދުނުފަހުން އެބޭންކްގެ ރައީސަކަށް އަބަދުވެސް އިންތިޚާބުކުރަމުން ގެންދަނީ އެމެރިކާގެ ރައްޔިތެކެވެ. އެއީ އެބޭންކްގައި އެމެރިކާއަށް ލިބިފައިވ ބާރާއި ނުފޫޒުގެ ބޭނުން ނަހަމަގޮތުގައި ކޮށްގެންނެވެ. ނަމަވެސް ކުރިއާއަޅާބަލާއިރު އެމެރިކާގެ ބާރާއި ނުފޫޒު ވޯލްޑް ބޭންކްގައިވަނީ ކުޑަވެގެންގޮސްފައެވެ.

ވޯލްޑް ބޭންކްގެ ރައީސް ކަމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންހުށަހެޅުމުގެ އެންމެ ފަހުގެ ވަގުތަކީ މިރޭ 10:00 އެވެ. އެމަޤާމުގައި މިހާރު ހުންނެވި އެމެރިކާގެ ރޮބަޓް ޒޯލިކް ވަނީ ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެކަން އިޢްލާން ކުރައްވާފައެވެ. -- އަލްޖަޒީރާ