07 Jun 2022, 15:18
ޕާޓީތަކުގައި ރަޖިސްޓްރީވެފައިވާ މެންބަރުންގެ އަދަދަށް ބަލައި، މުޅި ބަޖެޓުން ފައިސާ ދިނުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައިއާއި ޕާޓީތަކުން ވަކިކުރުމުގައި އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން ކަންބޮޑުވާކަމަށް ވިދާޅުވެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީގު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ އެ މައްސަލައަށް ތާއީދު ކުރައްވާ ކަމަށެވެ.
ސަލީމް ވިދާޅުވީ ސައްހަ ނޫން މެންބަޝިޕް ފޯމު ހުށަހެޅުމަކީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ހޯއްދެވުންތަކުން ދައްކާގޮތުން ހުށަހެޅޭ ފޯމުތަކުގެތެރެއިން 50 އިންސައްތައަކީ ފޭކު ނުވަތަ ރިޖެކްޓު ކުރަންޖެހޭ ފޯމު ކަމަށް ސަލީމް ވިދާޅުވިއެވެ.
"މީގެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފަހަގަވެފައިވަނީ ފިންގަޕްރިންޓް ސައްހަތޯ ކަށަވަރު ނުކުރެވުން. އެ ގާބިލުކަން އިލެކްޝަންސް ކޮމިޝަނަކު ނެތް. ދިވެހިރާއްޖޭގައި އެކަން އެކަށިގެންވާ ގޮތެއްގައި ބެލޭކަށްނެތް،" ސަލީމް ވިދާޅުވިއެވެ.
އެގޮތަށް ސައްހަ ނޫން ފޯމު ހުށަހެޅުމުގެ މައްސަލައަށް ސިޔާސީ ޕާޓީގެ ގާނޫނުގެ އަށް ވަނަ މާއްދާގައި ހައްލެއް އެބައޮތް ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އެ މާއްދާގެ އެކެއްގައި ބުނަނީ ގަވައިދާ ޚިލާފަށް މީހަކު ޕާޓީއަކަށް ވައްދައިފިނަމަ 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން އެ މާއްދާއަށް އަމަލުނުކުރާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕާޓީއަށް މީހުން ގިނަކުރަނީ ދެ ސަބަބަކަށްޓަކައި ކަމަށެވެ.
"ފުރަތަމަ ސަބަބަކީ ޕާޓީ ރަޖިސްޓްރީ ކުރަން މެންބަރުން އެބަ ހޯދަންޖެހޭ. ދެވަނަ ސަބަބު އަދި އެންމެ މުހިންމު ސަބަބަކީ 10،000 މީހުން ހަމަ ކުރުން. 10،000 މީހުން ހަމަ ކުރީމަ ބޮޑު އެއްޗެއް ފައިސާގެ ގޮތުގައި ދައުލަތުގެ ބަޖެޓުން އެ ޕާޓީއަކަށް އެބަ ލިބޭ."
ރާއްޖޭގައި ފައިސާ ލިބެނީ ހަތަރު ޕާޓީއަށް ކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ އަނެއް ހަތް ޕާޓީއަށް އެއްވެސް އެއްޗެއް ލިބޭނެ ގޮތެއް ނެތް ކަމަށެވެ.
"ދެހާސް ބާވީސް ވަނަ އަހަރުގެ ބަޖެޓުން 32.8 މިލިއަން ރުފިޔާ ހަތަރު ޕާޓީގެ މެދުގައި މިވަނީ ބަހާލެވިފައި،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ދިވެހިންގެ 40 އިންސައްތަ ޕާޓީތަކުގައި އުޅޭއިރު 60 އިންސައްތައަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ބައެއް ކަމަށެވެ. ވުމާއެކު މުޅި ރައްޔިތުންގެ ބައިތުލްމާލުން ވަކި ބަޔަކަށް ފައިސާ ދެނީ ކީއްވެގެންތޯ އެއީ އުފައްދަން ރަނގަޅު ސުވާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ މެންބަރުންގެ އަދަދުން ފައިސާ ދިނުމަށް ނިމުމެއް ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ޖެހޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ މި އަހަރު ލިބެނީ ހަތަރު ޕާޓީއަކަށް ކަމަށް މީގެ ކުރިން ބުނެފައެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއަށެވެ.
އޭގެ ތެރެއިން، މެންބަރުންގެ އަދަދަށް ބަލައި އެންމެ ގިނަ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އެގޮތުން އެ ޕާޓީއަށް 15.02 މިލިއަން ރުފިޔާ ދިނުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 54،660 އެވެ.
މެންބަރުންގެ އަދަދަށް ބަލާއިރު 34,368 މެންބަރުންނާ އެކު ދެވަނައަށް އެންމެ ގިނަ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ޕީޕީއެމްއަށެވެ. އެ ޕާޓީއަށް ދިނުމަށް ނިންމާފައި ވަނީ 9.4 މިލިއަން ރުފިޔާއެވެ.
ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީއަށް ދޭން ނިންމާފައިވަނީ 5.5 މިލިއަން ރުފިޔާއެވެ. އެޕާޓީގެ މެންބަރުންގެ އަދަދު 20،139އަށް އަރައެވެ.
އަދާލަތު ޕާޓީއަށް ދިނުމަށް ނިންމާފައިވަނީ 2.9 މިލިއަން ރުފިޔާއެވެ. އެ ޕާޓީގައި ތިބީ 10،589 މެންބަރުންނެވެ.