07 Jun 2022, 13:04
އަންނަ މަސް ނިމޭއިރު އަސާސީ ތަކެތި ގަންނަން ދައުލަތުގެ ރިޒާވުގައި ހުންނާނެ ފައިސާއާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައި ވަނީ، އަންނަ މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވުގައި ހުންނާނީ ކިތައް ދުވަހަށް ކާޑާއި ތެޔޮ އަދި ބޭސް ގަނެވޭވަރުގެ ފައިސާތޯ ސުވާލުކުރުމަށެވެ.
އީވާ ކުރައްވާ ސުވާލުގައި ވަނީ، މި މަސް ފެށުނު އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށެވެ. އަދި މި މަހާއި އަންނަ މަހު 130 މިލިއަނަށްވުރެ ގިނަ ޑޮލަރު އަނބުރާ ދަރަނި ދެއްކުމުގައި ހޭދަކުރަން ޖެހޭ ކަމަށާއި އެ 130 މިލިއަން ޑޮލަރުގެ އިތުރުން މި ދެމަހުގެ ބަޖެޓު ކޮށްފައިވާ ޑެފަސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް ކަމަށް ސުވާލުގައިވެއެވެ.
އެހެންކަމުން އަންނަ މަސް ނިމޭއިރު ރިޒާވްގައި ހުންނާނެ ފައިސާއާ ބެހޭ ގޮތުން ލިޔުމުން ޖަވާބު ހޯދައި ދިނުމަށް އީވާ ވަނީ އެދިވަޑައިގެންފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޭޕްރީލް މަހު ދައުލަތުގެ ރިޒާވް ހުރީ 829 މިލިއަން ޑޮލަރުގައެވެ. ކޮވިޑުގެ ކުރިން، 2019ވަނަ އަހަރުގެ ނޮވެންބަރު މަހު ރިޒާވް ހުރީ 604 މިލިއަން ޑޮލަރުގައެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭ 1.02 ބިލިއަން ޑޮލަރަށް ރިޒާވް މައްޗަށް ދިޔައެވެ.
މީގެ އިތުރުން، ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ހުރީ 98.9 ބިލިއަން ރުފިޔާގައެވެ. ޖީޑީޕީގެ ނިސްބަތުން ބަލާއިރު އެއީ 113 އިންސައްތައެވެ.
އެ ތަފާސްހިސާބުތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ރާއްޖޭގެ ދަރަނި މަތިވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ސަބަބުން، މިދިޔަ އާދިއްތަ ދުވަހުގެ ރޭ މިނިސްޓަރު އަމީރު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގެ ރިޒާވް މި އަހަރު ނިމޭއިރު ހުންނާނީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް ވިދާޅުވެފައެވެ.