ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓު އުވާލި މައްސަލައާއި އެ ކުންފުންޏަށް ކުރާ 100 މިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ނިންމައިފިއެވެ.

އިއްޔެ ބޭއްވި އެ ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވަނީ އެ ތުހުމަތުތަކުގެ މައްސަލަތައް ބެލުމާއެކު އޮޑިޓް ޑިޕާޓްމަންޓް އުވާލި މައްސަލަ ވީ އެންމެ އަވަހަކަށް ބެލުމަށް ހުށަހަޅުއްވާފައެވެ.

ނިހާދުގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީއެވެ.

ޕީއެސްއެމްއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓް ޑިޕާޓްމަންޓު އުވާލާއި އެ ޑިޕާޓްމަންޓުގެ ޗީފް އޮޑިޓަރު ވަޒީފާއިން ވަކިކޮށްފައެވެ. މިކަމާ ގުޅިގެން ޕީއެސްއެމް އިން ބުނީ ވޭތުވެދިޔަ 14 މަސްދުވަސްތެރޭ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓްގެ ލަނޑުދަނޑިތައް ހާސިލްވެފައި ނުވާ ކަމަށެވެ.

އެ ނިންމުން ނިންމުމަށްފަހު އޮޑިޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ބޯޑުގެ އޮޑިޓް ކޮމިޓީން ރިވިއުކުރުމަށް ފަހު ކުންފުންޏަށް އެންމެ ފައިދާވާނީ ކުންފުނީގެ ބޭރުން އޮޑިޓްގެ މަސައްކަތްތައް ހަމަޖެއްސުންތޯ ނުވަތަ ކުންފުނިން އެކުލަވާލި އޮޑިޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިއުންތޯ ބަލާފައިވާނެކަމަށް ވެސް ޕީއެސްއެމްއިން ބުންޏެވެ.

ނަމަވެސް މަގާމުން ވަކިކޮށްފައިވާ، އެ ޑިޕާޓްމަންޓުގެ ކުރީގެ ޗީފް އޮޑިޓަރު އަޙުމަދު ފަޒީލް ވަނީ އޮޑިޓް ޑިޕާޓްމަންޓު އުވާލީ އޮޑިޓްތަކުން ފާހަގަވި މެނޭޖެމަންޓުގެ ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު ނާޅަން ކަމަށް ތުހުމަތުކުރައްވާފައެވެ.