ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައިއާއި ޕާޓީތަކުން ވަކިކުރުމުގައި އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން ރައްޔިތުންނާއި ޕާޓީތަކުން ކަންބޮޑުވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީގު ހުށަހެޅުއްވި މި މައްސަލަ މަޖިލީހުން ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވި 40 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާގައި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާލުވީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި އަދި އެއްޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމާއި، ވަކި ކުރުުމުގައި އެމީހުންގެ އެއްވެސް ބައިވެރި ވުމެއްނެތި އަމަލުކުރަމުން ދާކަމަށެވެ.

"ގާނޫނު އަސާސީގެ 30 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ 'ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރި ވުމުގެ ހައްގު' ގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުންކުރޭ،" މެންބަރު ވިދާޅުވިއެވެ.

މެންބަރު ޝަފީގް ވިދާޅުވީ އެދަފަ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ ހައްގާއި އިޚްތިޔާރު ގެއްލޭ ކަމަށެވެ.

މީގެ އިތުރުން އެފަދަ މައްސަލަތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

އެފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމުގެ ފުރުސަތު އޮތްކަން ފާހަަގަކުރައްވާ މެންބަރު ވިދާޅުވީ ގާނޫނާއި ގަވައިދާ ޚިލާފަށް އެކަން ތަކުރާރުކޮށް ހިނގަމުންދާކަމަށެވެ.

މީގެ ކުރިން މެންބަރު ޝަފީގް ވަނީ، އޭނާގެ މަަންމަ އާއި ބައްޕައަށް ނޭނގި އެ ދެ މީހުން އަދާލާތު ޕާޓީއަށް ވައްދާފައިވާ ކަމަށާއި އެއީ ހައްޖު ކޯޕަރޭޝަނާއި އަދާލަތު ޕާޓީން ގުޅިގެން ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

ނަމަވެސް އަދާލަތު ޕާޓީން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެ ޕާޓީގެ ތެރެއިން އެފަދަ ކަމެއް ނުވާނެ ކަމަށް ބުނެފައެވެ.