އދ. މަޖިލިސް (މާޗް 24): ދުނިޔޭގެ އާބާދީގައި ހިމެނޭ އެންމެންނަށް ސާފުބޯފެން ލިބޭނެކަމަށް ލަފާކުރެވެނީ 2040 ވަނަ އަހަރުގައި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކުރި ރިޕޯޓެއް ބުނެފި އެވެ.

ދުނިޔޭގެ ފެނުގެ ޙާލަތާއި އާބާދީ އިތުރުވާ މިންވަރާއި ސާފުބޯފެން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތައް ބަލައި ދިރާސާކުރުމަށް ފަހު އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އިން ނެރުނު ރިޕޯޓެއްގައި ސާފުބޯފެން ނުލިބުމުގެ ސަބަބުން ސިޔާސީ ހަމަނުޖެހުމަށް މަގުފަހިވެ އިޤްތިސާދީ ކުރިއެރުމަށް ހުރަސްއެޅި ބަލިމަޑުކަން ފެތުރެމުންދާ ކަމުގެ އިންޒާރު ދީފައިވެ އެވެ.

އަނެއްކޮޅުން ދުނިޔޭގެ އާބާދީގެ 40% މީހުން ސާފު ބޯފެނުން މަހްރޫމްވެފައިވާ ކަމަށް އދ. އިން ބުނެ އެވެ. ސާފުބޯފެނާ ބެހޭ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި އދ. އިން ނެރުނު ރިޕޯޓެއްގައި ސާފުބޯފެން ނުލިބުމުގެ ސަބަބުން ޖެހޭބަލިތަކުގައި ފާއިތުވި އަހަރު 3.6 މިލިޔަން މީހުން މަރުވެފައިވާ އިރު މީގެތެރެއިން 80 ޕަަސެންޓަކީ ކުޑަކުދިން ކަމަށް ބުނެފައިވެ އެވެ.

އދ.ގެ ރިޕޯޓްބުނާ ގޮތުން ދުނިޔޭގެ އާބާދީގެ ދެބައިކުޅައެއްބައި މީހުންނަށް ފެނުގެ ދަތިކަން ފޯރާފައިވާއިރު ސާފުފެން ބޭނުންކުރާ މިންވަރު ފާއިތުވި ޤަރުނުގައި ހަ ގުނައަށް އިތުރުވެފައިވާ ކަމަށާ މިމުއްދަތުގައި ދުނިޔޭގެ އާބާދީ ތިން ގުނައަށް އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ސާފުބޯފެނާ ބެހޭ ބައިނަލްއަޤްވާމީ ދުވަހަކީ ކޮންމެ މީލާދީ އަހަރެއްގެ މާޗް 21 ވަނަ ދުވަހެވެ. (އަލްޖަޒީރާ)