އދ. މަޖިލިސް (މާޗް 24) : ދުނިޔޭގެ އާބާދީގައި ހިމެނޭ އެންމެންނަށް ސާފުބޯފެން ލިބޭނެކަމަށް ލަފާކުރެވެނީ 2040 ވަނަ އަހަރުގައި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކުރި ރިޕޯޓެއް ބުނެފިއެވެ.

ދުނިޔޭގެ ފެނުގެ ޙާލަތާއި އާބާދީ އިތުރުވާ މިންވަރާއި ސާފުބޯފެން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތައް ބަލައި ދިރާސާކުރުމަށްފަހު އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީ.އައި.އޭ) އިން ނެރުނު ރިޕޯޓެއްގައި ސާފުބޯފެން ނުލިބުމުގެ ސަބަބުން ސިޔާސީ ހަމަނުޖެހުމަށް މަގުފަހިވެ އިޤްތިސާދީ ކުރިއެރުމަށް ހުރަސްއެޅި ބަލިމަޑުކަން ފެތުރެމުންދާ ކަމުގެ އިންޒާރު ދީފައިވެއެވެ.
އަނެއްކޮޅުން ދުނިޔޭގެ އާބާދީގެ 40ޕަސެންޓު މީހުން ސާފު ބޯފެނުން މަހްރޫމްވެފައިވާ ކަމަށް އދ.ން ބުނެއެވެ. ސާފުބޯފެނާބެހޭ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި އދ. ން ނެރުނު ރިޕޯޓެއްގައި ސާފުބޯފެން ނުލިބުމުގެ ސަބަބުން ޖެހޭބަލިތަކުގައި ފާއިތުވިއަހަރު 3.6 މިލިޔަން މީހުން މަރުވެފައިވާއިރު މީގެތެރެއިން 80 ޕަސެންޓަކީ ކުޑަކުދިން ކަމަށް ބުނެފައިވެއެވެ.

އދ.ގެ ރިޕޯޓްބުނާގޮތުން ދުނިޔޭގެ އާބާދީގެ ދެބައިކުޅައެއްބައި މީހުންނަށް ފެނުގެ ދަތިކަން ފޯރާފައިވާއިރު ސާފުފެން ބޭނުންކުރާ މިންވަރު ފާއިތުވި ޤަރުނުގައި 6 ގުނައަށް އިތުރުވެފައިވާ ކަމަށާ މިމުއްދަތުގައި ދުނިޔޭގެ އާބާދީ 3 ގުނައަށް އިތުރުވެފައިވާ ކަމަށް ބުނެފައިވެއެވެ.
ސާފުބޯފެނާބެހޭ ބައިނަލްއަޤްވާމީ ދުވަހަކީ ކޮންމެ މީލާދީ އަހަރެއްގެ މާޗް 21 ވަނަ ދުވަހެވެ. -- އަލްޖަޒީރާ