06 Jun 2022, 15:46
ސޯލް (6 ޖޫން 2022): އުތުރުކޮރެއާއިން އެންމެފަހުން ކުރި މިސައިލް ތަޖުރިބާތަކަށް ރައްދު ދިނުމުގެ ގޮތުން ދެކުނު ކޮރެޔާއާއި އެމެރިކާ ގުޅިގެން މިސައިލް ތަޖުރިބާތަކެއް ކޮށްފިއެވެ.
އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ވަނީ މެދުރާސްތާގެ ބެލިސްޓިކް މިސައިލުގެ އަށް މިސައިލު ތަޖުރިބާކޮށްފައެވެ. ކުރިން ދެކުނު ކޮރެއާއަކީ އުތުރުކޮރެއާ ކުރާ މިސައިލް ތަޖުރިބާތަކަށް ރައްދު ދިނުމުގެ ގޮތުން މިސައިލު ތަޖުރިބާކުރާ ގައުމެއް ނޫންނެވެ.
ނަމަވެސް ދެކުނު ކޮރެޔާގެ އައު ރައީސް ޔުން ސުކްޔޯލް އަކީ އުތުރުކޮރެއާއާ މެދު ތަންކޮޅެއް ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ. ޔުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ އުތުރު ކޮރެޔާއާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު އިތުރަށް ހަރުކަށި ކުރާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އުތުރު ކޮރެއާގެ ދިފާއީ ވުޒާރާއިންވަނީ އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން މިސައިލްތަކެއް ތަޖުރިބާކުރިކަމަށް ބުނެފައެވެ. ނަމަވެސް އުތުރުކޮރެއާ ބުނާގޮތުން އެއީ އާދައިގެ ޓެކްޓިކަލް މިސައިލްތަކެކެވެ. ދުރުރާސްތާގެ ސްޓްރެޓީޖިކް މިސައިލް ތަކެއްނޫނެވެ.
އެމެރިކާ ގުޅިގެން ދެކުނު ކޮރެޔާއާއެކު ހިންގި އަސްކަރީ ތަމްރީނުތަކަކަށް ރައްދު ދިނުމުގެގޮތުން މީގެ ދެދުވަސްކުރިން އުތުރުކޮރެއާވެސްވަނީ އަށް މިސައިލެއް ތަޖުރިބާކޮށް އެގައުމުގެ ބާރުދައްކާލާފައެވެ. މިއީ އެއްދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މިސައިލް އުތުރުން ތަޖުރިބާކުރި ފުރަތަމަ ފަހަރެވެ.
އުތުރުކޮރެއާ ދެކޭގޮތުގައި އެމެރިކާ ގުޅިގެން ދެކުނު ކޮރެޔާ ހިންގާ އަސްކަރީ ތަމްރީންތަކަކީ ސީދާ އުތުރުކޮރެއާ އަށް ބިރުދެއްކުމަށާއި އެގައުމު ހިސާރުކުރުމުގެ މަގްސަދުގައިކުރާ ކަމެކެވެ. ދެކުނު ކޮރެއާގައި އެމެރިކާގެ ތިން ހާހަށްވުރެ ގިނަ ސިފައިންނާއި ގިނަ އަދަދެއްގެ ހަތިޔާރު ރުކުރުވާލާފައިވެއެވެ. އެމެރިކާއާއި ދެކުނު ކޮރެއާ ބުނާގޮތުން މިއީ އުތުރުކޮރެއާ ހިންގަފާނެ އަސްކަރީ އަމަލަކުން ދިފާއުވުމަށް ރުކުރުވާލާފައިވާ ލަޝްކަރެވެ.
މިއަހަރަކީ އުތުރުކޮރެއާއިން ރެކޯޑު އަދަދަކަށް މިސައިލްތައް ތަޖުރިބާ ކުރަމުން ގެންދާ އަހަރެކެވެ. މިއަހަރު އުތުރުކޮރެއާ ތަޖުރިބާކުރި މިސައިލްތަކުގެ ތެރޭގައި އެއް ބައްރުން އަނެއް ބައްރަށް ފޮނުވާލެވޭ ވަރުގެ ސްޓްރެޓީޖިކް ބަލިސްޓިކް މިސައިލާއި އަޑަށްވުރެ ބާރަށް ދަތުރުކުރާ ސުޕާ ސޮނިކް މިސައިލް ހިމެނެއެވެ.