ދަތުރުފަތުރުގެ ނިޒާމުގެ ނިޒާމުގައި ލ. އަތޮޅަށް ހިދުމަތްދޭ ދޯނިސާވިސް އިން އެ އަތޮޅު ފޮނަދޫގައި ދުއްވަމުންދާ ބަހަކަށް ގެއްލުންދޭން އުޅުނުކަމުގެ ތުހުމަތުގައި ހަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ހަމީހުން ހައްޔަރު ކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ދަންވަރު ފޮނަދޫ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ކަމަށެވެ. ފުލުހުން ބުނީ އަމަލުތައް ހުރިގޮތުން ދޯނި ސާވިސްގެ ބަހަށް ގެއްލުން ދޭން އުޅޭކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރީ ކަމަށެވެ.

އެމީހުން ހައްޔަރު ކުރީ ފޮނަދޫ ތެޔޮ ފިހާރަ ކައިރިން ވިނަގަނޑު މަތީގައި ތިއްބާ ކަމަށާއި އެމީހުން ބަލައި ފާސްކުރިއިރު އެމީހުންގެ އަތުން ބޮލުގައި އަޅާ ވިގަކާއި މަރުތޭލެއްގެ އިތުރުން ދަގަނޑުބުރިތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ފަހަކަށް އައިސް މާލެއާއި އަތޮޅުތަކުގައި މީހުންގެ ވެހިކަލްތަކަށް ގެއްލުންދިނުން ވަނީ އާންމުކަމަކަށް ވެފަ އެވެ.