24 Mar 2012, 09:08
ރައްޔިތުންގެ މަޖިލީހުގައި ކޮންމެ މަންޒަރެއް ފެނިގެންދިޔަ ނަމަވެސް މަޖިލިސް ވަނީ މި އަހަރަށް ހުޅުވާފަ އެވެ. ރިޔާސީ ބަޔާން ވެސް އެ އިއްވި ގޮތަކަށް އިއްވަވާ ރައީސުލް ޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ގާނޫނީ ޒިންމާ އަދާ ކުރައްވާފަ އެވެ. މަޖިލީހުގެ ރައީސް ވަނީ ރީތިކޮށް އެކަން ގެންދެވޭތޯ މަސައްކަތް ކޮށްދެއްވާފަ އެވެ. އެހެން ނަމަވެސް ވަރަށް ގިނަ މެންބަރުން ވެސް އަދި ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ވެސް ސުވާލު ކުރަނީ މަޖިލިސް ހުޅުވިފައިވާއިރު މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންގޮސް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޑުޖައްސާފައި ވަނީ ކީއްވެގެން ހެއްޔޭ އެވެ؟ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ކޮންމެ ހޯމަ އަންގާރަ ބުދަ ދުވަހުކު މަޖިލީހުގެ ޖަލްސާތައް އޮންނަން ޖެހެ އެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެ ޖަލްސާތައް ބޭއްވެން ޖެހޭނެ އެވެ. އެމަނިކުފާނު ގަސްދުގައި އެކަން ނުކުރައްވަނީ އެވެ.
މިދިއަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ކުރި މަސައްކަތަށް ފަހު ޖަލްސާ ބާއްވާ ނިމުމުނު އިރު މަޖިލީހުގެ ތަކެއްޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ވެފަ އެވެ. އެކަމަކީ އެންމެންގެ ލޯ މައްޗަށް ފެނި، ހިނގައިދިޔަ ކަމެކެވެ. އެފަދަ ހާލަތަކަށް ގޮސްފައި ވަނިކޮށް އެކަންކަން ހަމައަކަށް ނާޅުވައި މަޖިލީހުގެ ޖަލްސާތައް ފަށައިގަތުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެ އެވެ. އަދި އެކަންކަން އެމަނިކުފާނު މަޖިލީހުގެ މެންބަރުންނަށް ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެ އެވެ.
"[ބޮޑެތި ގެއްލުންތައް ލިބުނު] ތަކެއްޗާއި އެ ގެއްލުންތައް މާރާމާތުކޮށްގެން ޖަލްސާ ބޭއްވޭ ފަދަ ހާލަތަކަށް މަޖިލީހުގެ ޗެމްބަރު ގެނެސްގެން ނޫނިއްޔާ މަޖިލީހުގެ ޖަލްސާތަކެއް ކުރިޔަށް ނުގެންދެވޭނެ. އެ [ގެއްލުންތައް] މަރާމާތުތައް ކޮށްގެން ނޫނީ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވޭނެ ކަމަށް 20 ވަނަ ދުވަހު [މިދިއަ އަންގަރަ ދުވަހު] ހުރިހާ މެންބަރުންނަށް އަޅުގަނޑުވާނީ ސިޓީއަކުން ދަންނަވާފައި،" ސަން އޮންލައިނަށް ދެއްވި އިންޓަވިއު އެއްގައި އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޗެމްބަރަށާއި ތަކެއްޗަށް ލިބުނު ބޮޑެތި ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން މިހާރު ފަށައިގެންފައިވާ ކަމަށާއި އެ މަސައްކަތްތައް ނިންމައިގެން ނޫނީ މަޖިލީހުގެ ޖަލްސާއެއް ބޭއްވެން ނެތް ކަމަށެވެ. އަދި ވިދާޅުވީ ޖަލްސާތައް ފެށުމަށް އަލުން މެންބަރުންނަށް ގޮވާލުމަށްޓަކައި "ކަންތައްތައް ގޮސްފައި ހުރިވަރެއް" މާދަމާ އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"[މަޖިލީހުގެ ތަކެއްޗަށް] ލިބިފައި ހުރީ ވަރަށް ބޮޑެތި ގެއްލުންތައް. އަޑީގައި އަޅާފައި ހުރި ނަރުތަކާ ހަމައަށް ހުރީ ގެއްލުން ލިބި ހަލާކުވެފައި. އަނެއްކާ ޖަލްސާއެއް ހިންގަންޏާ ހިންގަން މިޖެހެނީ ގަވައިދުގައި އޮންނަ ގޮތަށް. އެކަމުގައި ވަކި ހަމަތަކަކާ އުސޫލުތަކެއް އޮވޭ. [މަޖިލިސް ނުބޭއްވޭ] ވާހަކަ މެންބަރުންނާ ބައެއް ފަރާތްކުން ދައްކަވާއިރު މަޖިލިސް ކުރިޔަށް ގެންދެވޭނީ އެންމެންގެ ބައިވެރިވުން ލިބިގެން. ގަވައިދުގައި މަޖިލީހުގެ ޖަލްސާތައް ކޮންމެ ހޯމަ އަންގާރަ ބުދަ ދުވަހަކު އޮންނަންޖެހޭނެ ކަމަށް އޮތް ނަމަވެސް ހަގީގަތްތަކެއް ގަބޫލު ކުރައްވަން ޖެހޭނެ، ހާއްސަ ހާލަތްތަކުގައި އަދި ދިމާވެފައިވާ މި ދަނޑިވަޅުގައި ނުބޭއްވޭ ގޮތެއް ދިމާވިޔަސް އަމަލު ކުރެވެންޖެހޭނެ ގޮތެއް އޮންނަން ޖެހޭނެ ނޫންތޯ؟ އެހެންވެގެން ޖަލްސާ ނުބޭއްވިގެން އުޅެނީ ތަނަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރަމުންދާތީ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މަޖިލިސް ނުފެށި ދާދިއުމާމެދު ބައެއް މެންބަރުން މީޑިޔާތަކުގައި އެކި ގޮތްގޮތަށް ވާހަކަފުޅު ދެއްކެވި ނަމަވެސް އެކަމުގައި އެއްވެސް ކަމެއް އެމަނިކުފާނު ގޯސްކޮށް އަމިއްލަ މަސްލަހަތަށް ކުރައްވާފައެއް ނުވާނެ އެވެ. އަދި ސުވާލު ކުރައްވަ އެވެ: "މިކަމުގައި އަޅުގަނޑުގެ މަސްލަހަތެއް ނެތެއް ނޫންތޯ؟އަޅުގަނޑު ނޫންތޯ މަޖިލީހުގެ ޖަލްސާތައް ބާއްވަން މަސައްކަތް ކުރާނެ އެންމެ އިސް ފަރާތަކީ!"
"ހުރިހާ ކަމެއް ހުރިހާ މެންބަރުންގެ ކުރިފުޅުމަތީގައި ހިނގައި ދިޔައީ. ލިބިފައިވާ ގެއްލުންތައް ވެސް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ. އެކަމަކު އަޅުގަނޑު ހިތާމަ ކުރާ ކަމަކީ އެކަންކަން އެނގިވަޑައިގެން ތިއްބަވާމެ ފިތުނަވެރި ވާހާކަތައް ފަތުރުއްވާތީ! އަޅުގަނޑު ތަކުރާކޮށް ދަންނަވަމުން މިދަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުން ވަނީ ފިތުނަވެރިކަމެއް ނޫނޭ. ބޭނުން ވަނީ ހަމަޖެހުން އަންނާނެ ގޮތަކަށް ޒިންމާ ނަންގަވައިގެން މަސައްކަތް ކުރައްވަމުން ގެންދެވުމޭ،" ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދިނުމާއި ހަމަނުޖެހުންތައް ހިންގުމުން އެކަންކަން ބެލުމަށް މަޖިލީހުގެ ގަވައިދުގައި ގޮތްތަކެއް ހަމަޖެހިފައި އޮވެ އެވެ. މަޖިލީހުގެ ގަވައިދު ބުނަނީ ސުލޫކީ މިންގަނޑުތަކާ ހިލާފަށް ނުވަތަ ގަވައިދާ ހިލާފަށް ގާނޫނާ ހިލާފަށް މެންބަރަކު ނުވަތަ މެންބަރުންތަކެއް ކަންތަކެއް ކުރައްވައިފި ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ އެކަމެއް ބަލާ ތަހުގީގު ކުރުމަށް ސުލޫކާ ބެހޭ ކޮމެޓީއަށް ފޮނުވަން ޖެހޭނެ ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި މަޖިލީހުގައި ހިނގައި ދިޔަ ކަންކަމުގައި އެމަނިކުފާނު ކަންކުރައްވާފައި ވާނީ އެކަންކަން ކުރެވެން އޮތް އުސޫލުގެ ތެރެއިން ކަމަށާއި ބައެއް މެންބަރުންނާއި ސިޔާސީ ފަރާތްތައް ތުހުމަތު ކުރައްވާ ވާހަކަތައް ދައްކަވާ ގޮތަށް ނޫނެވެ.
"އެއްވަނަ ދުވަހު ހިނގި ކަންތައްތައް ވެސް އޮނަވިހި ވަނަ ދުވަހު ހިނގި ކަންތައްތައް ވެސް ޖެހިގެން އައި ދުވަހު މަޖިލީހުގެ ސުލޫކު ކޮމެޓީއަށް ފޮނުވާފައި އޮންނާނީ. އެކަންކަން ބަލާ ތަހުގީގު ކުރުމުގެ ބާރު މިއޮންނަނީ ވަކި ކޮމެޓީއަކަށް ދީފައި، ރައީސަކަށް ނޫން [އެބާރު އޮންނަނީ]. މަޖިލީހުގެ ރައީސް ޖެހެނީ ކޮމެޓީއަށް ފޮނުވަން އެ ކޮމެޓީއަކުން އަޅުގަނޑަށް ދެއްވާ ލަފަޔާ އެއްގޮތަށް އަޅުގަނޑު އަމަލު ކުރަން އޮންނަނީ އިރާދަކުރެއްވިއްޔާ އެކަން ކުރާނަން. މީގެ ކުރިން ވެސް އެބަހުރި މަޖިލީހުގެ ތަކެއްޗަށް މެންބަރުން ގެއްލުން ދެއްވާފަ. އެފަދަ ހާލަތްތަކުގައި ވެސް އަޅުގަނޑު އަމަލުކޮށްފައި އޮންނާނީ ގަވައިދުގައި އޮތް ގޮތަށް އެވާހަކަތައް ވެސް މެންބަރު ދައްކަވަންޖެހޭނެ،" ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދިނުމުން ފިޔަވަޅު އެޅުމާ މެދު ސުވާލުތައް އުފައްދާ ބައެއް ފަރާތްތަކުން ވާހަކަ ދައްކަވާއިރު ސުލޫކާ ބެހޭ މިންގަނޑެއް މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެއް ނުވެ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި އެފަދަ މިންގަނޑެއް ފާސް ކުރުމަށް ކޮމެޓީން ނިންމެވުމަށްފަހު ދެ ފަހަރެއްގެ މަތިން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވިފައި ވެއެވެ.
"ދެފަހަރަށް ފޮނުވުމުން ވެސް [މެންބަރުން] ފާސްކޮށެއް ނުދެއްވެވި، ސުލޫކީ މިނގަނޑު ދަށުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ބާރުވެރި ކަމެއް. އެކަން ނުކުރައްވާ މެންބަރުންގެ ތެރެއިން ބައެއް ބޭފުޅުން ނުކުމެ ވަޑައިގެން މަޖިލީހުގެ ރައީސް މިހެން ނުހަދަނީ، އެހެން ނުހަދަނީއޭ ވިދާޅުވުމުގެ ހައްގެއް ނޯންނާނެ. މަޖލީުގެ ރައީސަށް ކަންކަން ކުރެވޭނެ ގޮތަށް މެންބަރުން ޖެހެނެ ކަންކަން ކޮށްދެއްވަން،"
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ހިނގައި ދިޔަ ކަންތައް ފަދަ ހާލަތްތައް އައުމުން ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕާލަމެންޓްތަކުގައި ކޮމެޓީ މަރުހަލާ ނިމުމުން އެކަމަށް އަޅާނެ ފިޔަވަޅުތަކެއް ފާސްކޮށްފައި ހުރެ އެވެ. އޭގެ ތެރޭގައި ދުވަހަކަށް ނޫނީ ދެ ދުވަހަށް އަދި އެއް ހަފުތާއަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުކުރުން ހިމެނެ އެވެ. އެ މެންބަރެއްގެ ފަރާތުން ލިބުނު ގެއްލުންތަކަށް އަގު ނެގުނުން، އަގު ދެއްކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ. ނަމަވެސް ރާއްޖޭގައި އެ ގަވައިދު މަޖިލީހުން ފާސްކޮށްފައެއް ނުވެއެވެ. މިގޮތަށް ކަން އޮތްއިރު ރާއްޖޭގައި މަޖިލީހުގެ މެންބަރެއްގެ މުސާރައެިން އެއްވެސް ވަރެއް އުނި ކުރެވެނީ ތިންބައިކުޅަ ދެބައި ވޯޓަކުންނެވެ. ޖޫރިމަނާ ކުރުމާ މިހުރިހާ ކަމެއްގެ ތެރެއިން ވެސް މެންބަރެއްގެ މުސާރައިން އެއްޗެއް އުނި ކުރެވެން އަންނަނީ މަޖިލީހުގެ ތިންބައި ކުޅަ ދެބައި ވޯޓުން ފާސްކޮށްގެނެވެ.
"މަޖިލީސް ރިތިކޮށް އަބުރުވެރި ކަމާއެކު ހިންގަން ހުރިހާ މެންބަރުންގެ އެއްބާރުލުން އެބަ ބެނުންވޭ ނޫންތޯ؟ އަޅުގަނޑުމެން ދެބައިކުޅަ އެއްބަޔަށް ގަވައިދުތައް ހަދައިގެން ތިބެ މަޖިލީހުގެ ރައީސްގެ ބޮލުގައި ހުރިހާ ކަމެއް ނޭޅުވޭނެ،" ޝާހިދު ވިދާޅުވި އެވެ. "ބައެއް މެންބަރު އަދި ސިޔާސީ ބައެއް ފަރާތްތަކުން ވެސް މީޑިޔާގައި ވިދާޅުވަނީ މަޖިލީހުގެ ރައީސޭ މިހެން މިހަދަނީ އާންމުން ފަރާތްކަކަށް ނޭނގޭނެ ދެއްތޯ މަޖިލީހުގެ ގަވައިދުތައް މިހެން ހުންނަ ކަމެއް. އެގޮތަށް ގަވައިދު ހުންނަކަން ނުވަތަ ނެތްކަން އެނގިވަޑައި ނުގަންނަވާ އާންމުން ތިއްބަވަނިކޮށް މެންބަރުން އަރާ ވަޑައިގެން މަޖިލީހުގެ ރައީސަށް މިހެން ހެދޭނެ، އެހެން ހެދޭނެ ކަމަށް ވިދާޅުވާން ފެއްޓެވީމާ އޮޅުން އަރާނެ،"