މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން ހޯމް މިނިސްޓަރު ޝެއިޚް ޢިމްރާން ޢަބްދުﷲއާ ސުވާލުކުރުމަށް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ފުރުސަތު ނުދިނުމުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ، މެންބަރުން ނުރުހުންފާޅު ކޮށްފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގް ވަނީ މަރުގެ ހުކުމް ކޮށްފައިވާ އަދި އިޖުރާއަތުތައް ފުރިހަމަވާ މީހުންނަށް އެ ހުކުމް ތަންފީޒުކުރުމާއި މެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް މިނިސްޓަރު ޖަވާބުދެއްވުމުން ރިޔާސަތުގައި އިންނަވާ ރައީސް، ނަޝީދު ވަނީ މެންބަރު ތާރިގަށް އިތުރު ސުވާލެއް ކުރުމަށް ފުރުސަތު އަރުވާފައެވެ.

މެންބަރު ތޯރިގުގެ ދެވަނަ ސުވާލުގައި ވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ޝާމިލުވާ މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކުރުމާއި ގުޅޭގޮތުން ސުވާލު ކުރައްވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް މެންބަރުގެ ސުވާލު ފުރިހަމަ ވުމުގެ ކުރިން ނަޝީދު ވަނީ އެއީ މިއަދުގެ ސުވާލާއި ގުޅޭ ސުވާލެއް ނޫން ކަމަށް ވިދާޅުވެ އެހެން މެންބަރަކަށް ފުރުސަތު އަރުވާފައެވެ.

މެންބަރު ތޯރިގު ގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވެސް ވަނީ މަރުގެ ހުކުމާއި ގުޅޭ ސުވާލެއް ކުރައްވާފައެވެ. އަދި އަދުލު އިންސާފާއިއެކު ރާއްޖޭގެ ކޯޓުތަކުން ހުކުމް ތަންފީޒު ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާތޯ ވެސް މެންބަރު ވަނީ އައްސަވާފައެވެ.

މި ސުވާލު ވެސް ރިޔާސަތުން ބަލައިގެންފައެއް ނުވެއެވެ. އަދި އެއީ ވެސް މައުޟޫއިން ބޭރު ސުވާލެއް ކަމަށް ވިދާޅުވިއެވެ. އެއާއެކު މެންބަރު ޖާބިރު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާ މަޖިލީހުގައި އަޑުގަދަ ކުރައްވާފައެވެ.

މި މައްސަލައާއި ގުޅިގެން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މެންބަރު ޖާބިރުގެ ސުވާލު އަދި އެއްފަހަރު ރައީސް އަޑުއެއްސެވުމަށް އެދިވަޑައިންފައެވެ. މެންބަރު ޖާބިރު ދެވަނަ ފަހަރު ސުވާލު ކުރެއްވުމުން ވެސް އެއީ މިއަދުގެ މައުޟޫއާ ގުޅޭ ސުވާލެއް ނޫން ކަމަށް ބުނެ ރިޔާސަތުން ވަނީ އިތުރު މެންބަރަކަށް ފުރުސަތު އަރުވާފައެވެ.

މި މައްސަލައިގައި މަޖިލީސް ހޫނުވެ މެންބަރު ތޯރިގް ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފައެވެ. އަދި މިއަދު މަޖިލީހުގައި ބައެއް މެންބަރުންގެ ސުވާލު މައުޟޫއާ ނުގުޅުނު ނަމަވެސް ފުރުސަތު ދެއްވަމުން ދާތީ ނުރުހުން ފާޅުކުރައްވާފައިވެއެވެ. މެންބަރުގެ ނެންގެވި ނިޒާމީ މައްސަލަ ބަލައިގެންފައެއް ނުވެއެވެ. އެއާއެކު އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގައި އަޑުގަދަކޮށް މިނިސްޓަރާއި، ނަޝީދަށް އަމާޒުކޮށް ހޫނު ބަސްތަކެއް ރައްދު ކުރައްވާފައެވެ.

މަޖިލީސް ހޫނުވެ އެންމެ ފަހުން ނަޝީދު ވަނީ މިނިސްޓަރާއި ސުވާލު ކުރުން ނިންމަވާލައްވާފައެވެ.