ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ, ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަ، އަދާލަތު ޕާޓީން ކުށްވެރިކޮށްފިއެވެ.

ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ, ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ވަނީ ރަސޫލާގެ ކައިވެނިފުޅުތަކާ ގުޅޭގޮތުން ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ދައްކައި، އެކަލޭގެފާނުގެ ޝަޚުސިއްޔަތަށް ބަދުބަސްބުނެ، ތައުހީނުކުރުމުކީ މުޅި އިސްލާމީ އުންމަތާ ދެކޮޅު ކަމެއްކަމަށެވެ.

ބައިނަލްއަޤްވާމީ މުއާހަދާތަކާ ޚިލާފަށް، އިސްލަމްދީނަށް ފުރައްސާރަކޮށް، އެތައް މިލިއަން މުސްލިމުންގެ ލޯތްބާއި ޣައިރުމުސްލިމުންގެ ލޯބި ވެސް ލިބިފައިވާ އެ ޝަޚުސިއްޔަތަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކު ތަހަންމަލުކުރާނެ ކަމެއް ނޫންކަމަށް އެ ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީން ބުނީ މީހުން ނުރުހުނު ކަމުގައި ވިޔަސް ދުވަހުން ދުވަހަށް ކީރިތިރަސޫލާގެ ޝަޚުސިއްޔަތުން ނަމޫނާ ލިބިގަންނަ ޣައިރު މުސްލިމުން ގިނަވާކަމަށެވެ.

"ހަމައެހެންމެ އެކަލޭގެފާނު ޝަޚްސިއްޔަތުގެ ދިފާއުގައި ތެދުވާނެ އެތައް މިލިއަން މުސްލިމުންނެއް އިންޑިއާ އާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބިކަން ވެސް އެފަދަ ފަރާތްތަކަށް ހަނދާން ކޮށްދެމެވެ. އަދި މި ހަޑިމުޑުދާރު އަމަލު އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ،" އެ ބަޔާނުގައިވެއެވެ.

ބީޖޭޕީއަކީ މީގެ ކުރީގައިވެސް ފާޅުގައި އިސްލާމްދީނާ ދެކޮޅަށް އަޑުއުފުލާ ޕާޓީއެކެވެ. އަދި މި ޕާޓީއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ޕާޓީވެސްމެއެވެ.

މިކަމާ ގުޅިގެން ސަރުކަރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.