ދައުލަތުގެ ބަޖެޓްގައި ކ. ތުލުސްދުއަށް ކަނޑައަޅާފައިވާ މަޝްރޫޢުތައް ލައްވާތީ އެރަށު ކައުންސިލުން އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާ ހިއްސާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ތުލުސްދޫ ކައުންސިލާއި ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތަކުގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރައްވާފައި ވަނީ މިހާރު ބަޖެޓުގައި ހިމަނާފައިވާ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ލަސްވުމުން ދިމާވެފައިވާ މައްސަލަތަކެވެ.

އެގޮތުން، ކައުންސިލަރުން ވަނީ ކުނި ގޮނޑު އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަޝްރޫޢާއި، އާ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަޝްރޫޢާއި، ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢާއި، ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢާއި، އާ އިންޖީނުގެ އެޅުމުގެ މަޝްރޫޢާއި، ތުލުސްދޫ ސްކޫލްގެ ސައިންސް ލެބެއް އެޅުމުގެ މަޝްރޫޢާއި، ޕޮލިޓެކްނިކް ޢިމާރާތުގެ މަޝްރޫޢު ފަދަ މަޝްރޫޢުތައް އަވަހަށް ފައްޓަވައިދެއްވުމަށް ރައީސް ޞާލިހްގެ އަރިހުން އެދިވަޑައިގެންފައެވެ.

އާ ހޮސްޕިޓަލް އެޅެންދެން ވެސް ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަމާއި، ރަށުގައި އޭޓީއެމްގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ ގޮތަކާއި، ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތުލުސްދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ވަނީ މާލީ ގޮތުން އެކޮމެޓީގެ މަސައްކަތްތަކަށް ބޭނުންވާ އާމްދަނީ ލިބެން ހުރި ވަޞީލަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާ ގޮތް ގާތުން ބައްލަވަމުން ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ތަރައްޤީއަށް ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.